ފ. ނިލަންދޫގައި ރޭ ހިނގި މާރާމާރީއެއްގައި އަނިޔާ ލިބުނު ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ނިލަންދޫ ކައުންސިލުން މިއަދު "ވަން" އަށް ބުނީ އެރަށު ބަނދަރު ސަރަހައްދުގައި ރޭ މާރާމާރީ ހިނގާފައިވަނީ 18 އަހަރުން ދަށުގެ ކުދިންތަކެއްގެ މެދުގައި ކަމަށެވެ.

ހަތަރު ކުދިންގެ މެދުގައި ހިނގި ދެބަސްވުމެއް މާރާމާރީއަކަށް ބަދަލުވެ ހިނގި ތަޅާ ފޮޅުމުގައި، ސީރިސް އަނިޔާތަކެއްްވެގެން މާލެ ގެނައި 17 އަހަރުގެ ކުއްޖާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ކައުންސިލުން ބުނެޏެވެ.

އެ މާރާމާރީގައި އެކުއްޖާގެ ބޮލަށް ހަމަލާދީފައި ވަނީ ގާބުރިއަކުން ކަމަށާއި އެކަމުގެ ސަބަބުން ދެތަނަކުން ބޯފަޅައިގެން ގޮސްފައިވާ ކަމަށްވެސް ބުންޏެވެ. އަދި އޭނާގެ ކޮނޑަށާއި ހަށިގަނޑަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފީޝަލް މިއަދު "ވަން" އަށް ވިދާޅުވީ، ނިލަންދޫން އަނިޔާވެގެން ގެނައި ކުއްޖާއަށް ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފުސީލެއް އޭނާ ނުދެއްވައެވެ.

ފުލުހުން މިއަދު ބުނީ 18 އަހަރުން ދަށުގެ ކުދިންތަކެއްގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށް ރޭ 9:15 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.