ޚަބަރު

މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފި

އިބްރާހިމް ޒަކީ

އިދިކޮޅު ޕީޕީއެމުން އިއްޔެ ހަވީރު ބޭއްވި މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ދޫނުކޮށް ތިބި ދެ މީހުންގެ ތެރެއިން އެކަކީ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އަޅައި، ފުލުހަކަށް ހަމަލާދީ، މާރާމާރީ ހިންގައި، ފުލުހުންގެ ވެހިކަލަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. "ދެން ހިމެނޭ މީހާގެ މައުލޫމާތު ޖެހޭނީ ބަލައިލާން،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ބަންދުގައި ތިބީ އަންހެނުންތޯ، ނުވަތަ ފިރިހެނުންތޯވެސް ޖެހޭނީ އޮޅުންފިލުވައިލަން ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ޕީޕީއެމްގެ މުޒާހަރާގެ ތެެރެއިން 29 މީހަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ. އަދި މިހާތަނަށް 27 މީހުން ދޫކޮށްލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކަކީ އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތް ކަމަށާއި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ އެކަމާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތަކެކެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ އިސްނެންގެވުމުގެ މަތިން މާލެއާއި ބައެއް ރަށްރަށުގައި "އިންޑިއާ އައުޓް" ގެ ނަމުގައި ކުރިއަށްގެންދާ މި މުޒާހަރާތަކުގައި ބައެއް ފަހަރު މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައެވެ.