ކްލަބުގެ ކަންކަމާ މެދު ހިތްހަމަ ނުޖެހުންތައް ހުންނަ ކުޅުންތެރިންވެސް މާޔޫސްކަމާ ކުރިމަތިލާން ޖެހޭނީ ޕްރޮފެޝަނަލް ކޮށް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރާފް ރަންގްނިކް ބުނެފިއެވެ.

ޔުނައިޓެޑްގެ ކޯޗުކަމުގައި ސީޒަން ފެށި އޮލެ ގުނަ ސޮލްޝެއާ އެ މަގާމުން ވަކިކޮށް، މިހާރު ކޯޗުކަން ހަވާލު ކޮށްފައިވަނީ ރަންގްނިކާއެވެ. ސީޒަން ނިމެންދެން ރަންގްނިކް ކޯޗުގެ މަގާމުގައި ހުންނަން ނިންމާފައިވާ އިރު، ސީޒަނަށްފަހު ދެން އޭނާ ފެންނަނީ ޔުނައިޓެޑަށް ލަފާ ދޭނެ މަގާމަކުންނެވެ. ރަންގްނިކް ޓީމާ ހަވާލުވި އިރުވެސް ފޯމު ދަށްކޮށް އޮތް އިރު، އަދިވެސް ޔުނައިޓެޑަށް މާ ބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެއެވެ.

ނަތީޖާތައް ދަށްވެ ކުޅުންތެރިން ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއްގައި ތިބި ކަމަށް ހަބަރު ފެތުރިފައިވާ އިރު، އެންމެ ބޮޑަށް އޮތް މައްސަލައަކީ އަބަދު ބެންޗުގައި ތިބެން ޖެހުމުން ބައެއް ކުޅުންތެރިން ނުތަނަވަސްވާން ޖެހޭ މައްސަލައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ފުރުސަތު ނުލިބޭތީ ނުތަނަވަސްވި ކުޅުންތެރިންގެ ތެރޭގައި އެންޓޯނިއޯ މާޝިއަލް، ޖެސޭ ލިންގާޑުގެ އިތުރުން ޑޮނީ ވެންޑަބީކާއި ޑީން ހެންޑަސަން، އެރިކް ބެއިލީ އަދި ޖުއާން މަޓާވެސް ހިމެނެއެވެ. އޭގެ ތެރެއިން މާޝިއަލް ވަނީ ކްލަބު ދޫކޮށްލަން އެދި ސެވިއްޔާއަށް ދާން މަޝްވަރާތައް ފަށައިފައެވެ.

"ޔުނައިޓެޑުގައި އޮތީ ބޮޑު ސްކޮޑެއް. އެންމެ ދިހަ ކުޅުންތެރިންނަށް މި އެރެވެނީ. ތިން ބަދަލު މި އޮންނަނީ. އެހެންވީމަ ކުޅެން ނޭރޭނެ ގިނަ ކުޅުންތެރިންތަކެއް ތިބޭނެ. އަހަންނަށްވެސް އެނގޭ ކުޅުންތެރިންގެ ހިތްހަމަ ނުޖެހުން އެބަހުރިކަން. އެކަން ސާފު. ކޮންޓްރެކްޓް ހަމަވާ ކުޅުންތެރިންނާއި ކޮންޓްރެކްޓްގައި ތިބެ ކްލަބު ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންވެސް އެބަތިބި. އެކަމަކު އޭގައި ކުޅުންތެރިން އަމަލުކުރަން ޖެހޭނީ ޕްރޮފެޝަނަލް ކޮށް. އެގޮތަށް އެކަން ކުރަންވެސް ކުރޭ. އެ ނޫން ގޮތަކަށް ކަން ހިނގާނަމަ އަހަރެން އެ ކުޅުންތެރިއަކަށް އަންގަންވެސް އަންގާނަން،" ރަންގްނިކް ބުންޏެވެ.

ނަތީޖާތަކާ ގުޅޭގޮތުން ރަންގްނިކް ބުނެފައިވަނީ ޔުނައިޓެޑްގެ ކަންކަން މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި، ކުރިއަށްވުރެ ބޮޑަށް މިހާރު ކޮޅަށް ވަންނަ ގޯލުތައް މަދު ކުރެވިއްޖެ ކަމަށެވެ. އެހެންނަމަވެސް ކުޅުން ރަނގަޅުކުރުމަށް ޓީމުގައި ރަނގަޅު ބެލެންސެއް ގާއިމުކުރަން ޖެހޭ ކަމަށްވެސް ރަންގްނިކް ވަނީ ބުނެފައެވެ.