އަހުމަދު މުރުތަލާ ކޯޗިންގައި ހަރަކާތްތެރިވާތާވެސް ގާތްގަނޑަކަށް ދިހަ ވަރަކަށް އަހަރު ވެއްޖެއެވެ. ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަން ކްލަބުތައް ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ފަދަ ކްލަބުތަކަށް ކުޅުނު ކުޅުންތެރިއެއްވެސް މެއެވެ. ނިއު ރޭޑިއަންޓުން އޭއެފްސީ ކަޕްގެ ސެމީއަށް ދިޔަ ޓީމުގައިވެސް މުރުތަލާ ހިމެނިފައިވާ އިރު، ކުޅުންތެރިއެއްގެ ކެރިއަރު ނިންމާލައި، ކޯޗިންއަށް ނުކުތީ 2007 ވަނަ އަހަރު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

އެހިސާބުން ފެށިގެންވެސް ކޯޗު މުރުތަލާ މިއަދާ ހަމައަށް އައީ ދިވެހި ކޯޗުން ކައިރީ މަސައްކަތްކޮށް، ކޯޗިންގެ ތަފާތު ތަޖުރިބާތައް ހޯދަމުންނެވެ. ފުޓްސަލް ޓީމުތަކާއި އުމުރުފުރާގެ ޓީމުތަކަށްވެސް މުރުތަލާ ވަނީ ކޯޗުކަން ކޮށްދީފައެވެ. އެ ހުރިހާ ތަޖުރިބާއެއްގެ ތެރެއިން ގޮސް، މިހާރު ކޯޗު މުރުތަލާ ހުރީ މުޅިން އެހެން މާހައުލެއްގައެވެ. ކުރަމުން އަންނަ މަސައްކަތަކީވެސް މުޅިން ތަފާތު މަސައްކަތެކެވެ.

"މިހާރު މި މަސައްކަތް ކުރަނީ އަމިއްލަ މޯލްޑިވްސް ރިސޯޓް އެންޑް ރެސިޑެންސަސްގައި. އަދިވެސް ހަމަ ކޯޗިންގެ މަސައްކަތް މިކުރަނީ. އަހަރަކު ދެފަހަރު މިތަނުގައި ބާއްވާނެ ކޯޗިން ކޭމްޕުތަކެއް. ކޮންމެ ކޭމްޕެއްވެސް މި އޮންނަނީ ތިން މަހެއްހާ ދުވަހަށް. އެ ކޭމްޕުތަކުގައި މި ބައިވެރިވަނީ ގެސްޓުންގެ ގޮތުގައި އަންނަ ކުދިން. ހަމަ ސީދާ ކޭމްޕަށް މި އަންނަނީ އެ ކުދިން. އެ ކޭމްޕުތަކުގައި މިހާރު މި މަސައްކަތް ކުރަނީ،" މުރުތަލާ މިހާރު ކުރަމުން އަންނަ މަސައްކަތް އޭނާ "ވަން"އާ ހިއްސާ ކުރިއެވެ.

ކުރިން ކުޅެ، މިހާރު ރިޓަޔާ ކޮށްފައިވާ ކުޅުންތެރިންގެ ދަރިންނާވެސް ދިމާވެއެވެ. އެކުދިންނަށް ކޯޗުކަން ކޮށްދޭން މުރުތަލާއަށް ޖެހެއެވެ. ހަމަ އެހެން، އެކިއެކި އެލީޓް އެކަޑެމީތަކުގައި ކުރިން ތަމްރީނު ހަދާފައި ތިބޭ ކުދިންނަށްވެސް މުރުތަލާއަށް މިހާރު ކޯޗުކަން ކޮށްދޭން ޖެހެއެވެ. މިވަގުތު ކްލަބު ފުޓުބޯޅައިގެން ދުރަށް ޖެހިލައިގެން މުރުތަލާ ހުރީ ރިސޯޓުގެ ކޯޗިން ކޭމްޕުތަކަށް ހުސްވެގެންނެވެ.

"ދިމާވޭ އެކަޑެމީތަކުގައި މަސައްކަތް ކުރާ ކުދިންނާވެސް. މަޝްހޫރު ކުޅުންތެރިންގެ ދަރިންނާ، މަޝްހޫރު ނޫނަސް ކުރިން ކުޅެފައިވާ ކުޅުންތެރިންގެ ކުދިންނާވެސް. އެ ކުޅުންތެރިންނާ އެގޮތަށްވެސް ބައްދަލުވުމުން ހަމަ ވަރަށް ބޮޑު ތަޖުރިބާއެއް އެއީ. އެއީ ލިބެން ޖެހޭ އެކްސްޕީރިއަންސެއް އަސްލު ކޯޗުންނަށް. ދެން އެ ކޭމްޕުތަކަށް މިހާރު އޮންނަ ގޮތުން ހާއްސަ އައިކޯނިކް ސްޓާރެއް މި ގެންނަނީ. އެއީ ހަމަ ކުދިންނަށް ހަތަރު ފަސް ވަރަކަށް ދުވަހަށް ދެވޭ ފުރުސަތެއް. މިފަހަރު މަސައްކަތް ކުރަން ލިބުނީ ރޮބެންއާއެކު،" މުރުތަލާ ބުންޏެވެ.

މިވަގުތު ރިޓަޔާކޮށްގެން ހުރި ނެދަލޭންޑްސްގެ އާރްޔެން ރޮބެންއަކީ ދުނިޔޭގެ އެންމެ އައިކޯނިކް އެއް ތަރިއެވެ. މިދިޔަ ދިހަ ވަރަކަށް އަހަރު ދުވަހު ދުނިޔޭގެ ފުޓުބޯޅަ ދުށް އެންމެ ކާމިޔާބު އެއް ވިންގާވެސް މެއެވެ. ބަޔާން މިއުނިކާއި ޗެލްސީ އަދި ރެއާލް މެޑްރިޑުންވެސް ރޮބެން ވިދާލި އިރު، އޭނާ ވަނީ ވޯލްޑް ކަޕްގެ ފައިނަލުގައިވެސް ނެދަލޭންޑްސްއާއެކު ކުޅެފައެވެ. ކެރިއަރުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، އެތަކެއް ތަޖުރިބާއެއް ހޯދާފައިވާ އުމުރުން 37 އަހަރުގެ ރޮބެންއާއެކު ކުދިންތަކަކަށް ކަންތައްތަކެއް ދަސްކޮށްދޭން މުރުތަލާ ކުރި މަސައްކަތުން އޭނާވެސް ވަނީ އުފާވެރި ތަޖުރިބާތަކެއް ހޯދައިފައެވެ.

"ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައީ. އެ ލެވެލްގެ ކުޅުންތެރިއަކާއެކު، އެ ލެވެލްގައި ފުޓުބޯޅަ ކުޅުނު ކުޅުންތެރިއަކާއެކު މަސައްކަތް ކޮށްލެވުމަކީ ލިބުނު ރަނުގެ ފުރުސަތެއް. ހަގީގަތުގައިވެސް ވަރަށް ގިނަ ކަންތައްތަކެއް ދަސްވޭ. މަދު ދުވަސް ކޮޅަކަށް ލިބޭ މި ފުރުސަތުތައް ނަމަވެސް ދިވެހި ކޯޗުންނަށް އެބަޖެހޭ މިކަހަލަ ފުރުސަތުތައް ލިބެން. ޑިވަލޮޕްވާން ލިބޭ ފުރުސަތެއް މިއީ. އެހެން ރިސޯޓުތަކުގައިވެސް މިފަދަ ކޭމްޕުތައް މިހާރު ބާއްވާ. އެއީ ރަނގަޅު ފުރުސަތެއް،" މުރުތަލާ ބުންޏެވެ.

މުރުތަލާގެ ނަޒަރުގައި ރޮބެންއަކީ "ޓޮޕް އެތުލީޓް"އެކެވެ. "ރޮބެންއަކީ ވަރަށް އެކުވެރި، އެންމެންނާވެސް ވާހަކަ ދައްކާ ކުޅުންތެރިއެއް. އަހަންނަށްވެސް ގިނަ ކަންތައްތަކެއް ރޮބެން ބުނެދިން،" މުރުތަލާ ބުންޏެވެ.

މުރުތަލާ ކުރަމުން އަންނަ މަސައްކަތަކީ ހަމައެކަނި ކޯޗިންގެ މަސައްކަތެއްވެސް ނޫނެވެ. ޓީމެއް ބިނާކުރުމާއި، ހޮލިޑޭ ކޭމްޕެއްގެ ފަރަގަކީ އޭނާއަށް ޗެލެންޖެއްވެސް މެއެވެ. ހާއްސަކޮށް މިހާރު މަސައްކަތް ކުރަން ޖެހެނީ ކުދިންތަކެއް ހިތް އުފާކޮށްދެމުން ފުޓުބޯޅަ އުނގަންނައި ދިނުމަށެވެ. އެއީ މުރުތަލާ ފާހަގަކޮށްލި ޗެލެންޖެއްވެސް މެއެވެ.

މީގެ ކުރިންވެސް އަމިއްލަފުއްޓަށްވެސް ޓިމް ކޭހިލް ފަދަ ކުޅުންތެރިން ގެންގޮސް ކޭމްޕުތައް ބޭއްވިއެވެ. އޭގެ އިތުރުންވެސް ރޮނާލްޑީނިއޯ ފަދަ ކުޅުންތެރިންނާއެކުވެސް ރިސޯޓުތަކުން ކޭމްޕުތައް ބާއްވައެވެ. އެހެން ނަމަވެސް ދިވެހި ކޯޗުންނަށް އެ ކުޅުންތެރިންނާއެކު ތަޖުރިބާ ހިއްސާ ކޮށްލަން ލިބެނީ މަދު ފުރުސަތެކެވެ. މުރުތަލާއަށްވެސް މިއީ އެފަދަ ފުރަތަމަ ފުރުސަތެވެ.