އިނގިރޭސި އެފްއޭ ކަޕްގައި މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި ހަތަރުވަނަ ޑިވިޝަންގެ ސްވިންޑަން ޓައުން ކައިރިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ ސިޓީން ކުޅުނު މެޗުގައި ސްވިންޑަން ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ރަށުން ބޭރުގައި ސިޓީ ކުޅުނު މެޗުގައި ސިޓީން ވިދާލީ އުމުރުން 19 އަހަރުގެ ކޯލް ޕާމާއެވެ. މެޗުގެ ފަހު ގޯލް ޕާމާ ޖެހި އިރު، އޭނާ ވަނީ މޮޅަށް ކުޅެ އެސިސްޓެއްވެސް ހަދައިފައެވެ.

ރޭގެ މެޗަށް ސިޓީން ނެރުނީ ވަރުގަދަ ފުރަތަމަ 11 އެއް ނަމަވެސް އެ ކްލަބުގެ ހާލަތު މިވަގުތު އެންމެ ރަނގަޅެއްވެސް ނޫނެވެ. ކޯޗު ޕެޕް ގާޑިއޯލާވެސް ކޮވިޑަށް ޕޮޒިޓިވްވެ އެކަހެރިވެގެން ހުރި އިރު، ސީނިއާ ޓީމުގެ ހަތް ކުޅުންތެރިޔަކުވެސް އެކަހެރިވެގެން އެބަ ތިއްބެވެ. ރޭގެ މެޗުގައި ސިޓީއަށް އިރުޝާދު ދޭން ބެންޗުގައި ހުރީ ގާޑިއޯލާގެ އެސިސްޓެންޓް ރޮޑޮލްފޯ ބޮރެލްއެވެ.

އިނގިރޭސި ފުޓުބޯޅަ ރޭންކިންއަށް ބަލާ އިރު، ސިޓީއަށްވުރެ 72 ދަރަޖަ ފަހަތުގައި އޮތް ސްވިންޑަން ކައިރީ ޕާމާގެ އިތުރުން ދެން ގޯލުތައް ޖަހައިދިނީ ގެބްރިއަލް ޖީސަސްއާއި ބާނާޑޯ ސިލްވާ އަދި އިލްކޭ ގުންޑޮގަންއެވެ. ސްވިންޑަންގެ ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ ހެރީ މެކިރުޑީއެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ އެސިސްޓެންޓް ކޯޗު ވަނީ ޒުވާން ޕާމާއަށް ތައުރީފުކޮށްފައެވެ. ކޯޗު ބޮރެލް ބުނީ ޕާމާއަކީ ކާމިޔާބު ކުޅުންތެރިއެއްގެ ހުރިހާ ސިފަތަކެއް ހުރި ކުޅުންތެރިއެއް ކަމަށާއި، ޒުވާން އުމުރުގައި ޕްރެޝަރެއް ނެތި މޮޅަށް ކުޅެލުމަކީ ހުނަރު ހުރެގެންވާނެ ކަންކަން ކަމަށެވެ.

އެފްއޭ ކަޕްގެ މެޗުތައް މިރޭވެސް އޮންނަ އިރު، ޗެލްސީން ނުކުންނާނީ ޗެސްޓާފީލްޑާ ދެކޮޅަށެވެ. ލެސްޓާ ސިޓީން ވޮޓްފޯޑާ ދެކޮޅަށް ނުކުންނަ އިރު، ކްރިސްޓަލް ޕެލެސްއިން ނުކުންނާނީ މިލްވޯލްއާ ދެކޮޅަށެވެ. އޭގެ އިތުރުންވެސް އެފްއޭ ކަޕްގެ މެޗުތައް މިރޭ އޮންނާނެއެވެ.