ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ.
ރާއްޖެއާއި ޗައިނާގެ ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު މިއަހަރު ފުރޭ އިރު، ވަންގް ޔީގެ ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް އޮންނާނީ މާދަމާއެވެ.
އެގޮތުން ވަންގް ޔީގެ މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ދެގައުމުގެ ގުޅުން ބަދަހިކުރުމަށް އެކި ދާއިރާތަކުން އެމްއޯޔޫތަކެއްގައި ސޮއިކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ، ދެގައުމުގެ ދެމެދު މާދަމާ ބާއްވާ ރަސްމީ މަޝްވަރާތަކަށްފަހު ދެ ލީޑަރުން ގުޅިފައިވާ ބަޔާނެއް ދެއްވާނެ ކަމަށެވެ.