ލޯނު އެއްބަސްވުމެއްގެ ދަށުން ފިލިޕް ކުޓީނިއޯ އެސްޓޮން ވިލާއަށް ބަދަލުވެއްޖެއެވެ.
ބާސެލޯނާއަށް ކުޅެމުންދާ ކުޓީނިއޯ ވިލާއަށް ބަދަލުވެފައި ވަނީ ސީޒަން ނިމެންދެން އެއްބަސްވި ލޯން އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމުގައި ސީޒަން ނިމުމުން ވިލާ ބޭނުން ނަމަ ކުޓީނިއޯ ދާއިމީކޮށް އެ ކުލަބަށް ގެންދިއުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
ބްރެޒިލްގެ ކުޓީނިއޯ ބާސާއަށް ބަދަލުވީ 2018 ވަނަ އަހަރު ޖެނުއަރީ މަހުގައެވެ. އޭގެ ކުރިން ވިލާގެ ކޯޗު ސްޓީވަން ޖެރާޑާއެކު ކުޓީނިއޯ ވަނީ ލިވަޕޫލަށް ކުޅެފައެވެ.
ލިވަޕޫލާއެކު ކުޓީނިއޯ ވަނީ ޔޫރޮޕާ ލީގު ފައިނަލުގައި ކުޅެފައެވެ. އޭގެފަހުން ބާސާއަށް ގޮސް އެންމެ ރަނގަޅު ފޯމުގައި ނުކުޅެވުމުން އޭނާ ވަނީ ބަޔާން މިއުނިކަށްވެސް ލޯނެއްގައި ބަދަލުވެފައެވެ. ބަޔާންއަށް ގޮސް ކުޓީނިއޯ ވަނީ ޗެމްޕިއަންސް ލީގާއި ޖަރުމަނު ލީގުވެސް ހޯދައިފައެވެ.
މި ސީޒަނަކީ ކުޓީނިއޯ ބާސާގައި ހޭދަކުރާ ހަތަރު ވަނަ ސީޒަނެވެ. ބާސާއަށް 106 މެޗު ކުޅެ ކުޓީނިއޯ ވަނީ 26 ގޯލު ޖަހައިފައެވެ.
ބްރެޒިލް ގައުމީ ޓީމާ އެކު ކޮޕާ އެމެރިކާވެސް ނެގި ކުޓީނިއޯ އެނބުރި ޕްރިމިއާ ލީގަށް ދިއުމަށް ވިލާ ކޯޗު ޖެރާޑުގެ ދައުރު ބޮޑެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ވިލާއަށް ކުޓީނިއޯ ދިޔައީ ޖެރާޑުގެ ފޯން ކޯލެއްގެ ސަބަބުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު