ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ތަރައްގީ ކޮށްފައިވާ އާ ވީއައިޕީ ޓާމިނަލުން މިއަދު ހިދުމަތް ދޭން ފަށައިފިއެވެ.

މިހާރު ހުރި ވީއައިޕީ ޓާމިނަލުގެ ފަހަތުގައި ތިން ބުރިއަށް ހަދާފައިވާ އާ ވީއައިޕީ ޓާމިނަލުގެ މަސައްކަތް ކުރަމުން އަންނަނީ އެއާޕޯޓުގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ، ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބީޔޫސީޖީ އިންނެވެ.

އެގޮތުން 2،200 އަކަފޫޓުގެ ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ ވީއައިޕީ ޓާމިނަލްގެ ފުރަތަމަ ފިޔަވަހި ނިންމައި، މިއަދު ހިދުމަތް ދޭން ފެށި އިރު، އާ އިމާރާތުގައި އޯޕަން އޭރިއާގެ ބަދަލުގައި އެކަނި ތިބެން ބޭނުންވާ ޓޫރިސްޓުންނަށް ވަކިން ކެބިންތަކާއި ޗެކިން ކައުންޓަރުތައް ހުންނާނެއެވެ. އަދި އެތަނުން އެއްފަހަރާ 95 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ.

އެ އިމާރާތުގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ ވީވީއައިޕީންނަށެވެ. ދެވަނަ އަދި ތިން ވަނަ ބުރިއަކީ ވީއައިޕީ/ ސީއައިޕީއަށް ހާއްސަ ދެ ބުރިއެވެ.

އާ ވީއައިޕީ ޓާމިނަލުން ހިދުމަތް ދޭނެ އެންމެ ފުރަތަމަ ބޭރުގެ އިއްޒަތްތެރިއަކަށް ވެވަޑައިގަންނަވާނީ ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީއެވެ. ރާއްޖެއާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ފައްޓަވައިދެއްވުމަށް ޔީ މިއަދު ހަވީރު ރާއްޖެ ވަޑައިގަންނަވާނެއެވެ.