އިންސާނުންނަށް ކުރެވޭ ކުށްފާފަތަކާއި ހަޑި ހުތުރު އަމަލުތައް ވަންހަނާކުރުމަކީ ގިޔާމަތް ދުވަހުން މާތް اللهގެ ފުއްސެވުމާއި މަޤުފިރަތު ލިބޭނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ތިމާގެ އަހާ ފަޟީހަތް ކުރުމުން ދުހެލިވުން" މި މައުޞޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, އަހުލާގަކީ އިސްލާމް ދީން އެކަމަށް އިސްކަން ދީފައިވާ އަސާސުތަކުގެ ތެރެއިން މަތިވެރި އަސާސެއް ކަމަށާއި ރިވެތި އަހުލާގުގެ ސިޑިން ލައިފާ އިންސާނާއަށް ވާސިލުވެވޭ މަންޒިލު ވަރަށްވެސް އުސް ކަމަށެވެ.

އަދި ރިވެތި ސިފަތަކާއި މާތް އަހުލާގުގެ ތެރޭގައި އެހެން މީހުންގެ އައިބުތަކާއި އުނި ސިފަތައް ފޮރުވައި ވަންހަނާކުރުންވާ ކަމަށާއި الله އަކީ އެކަލާނގެ އަޅުތަކުންނަށް ކުރެވޭ ނުބައި އަމަލުތައް ވަންހަނާކޮށްދެއްވާ ރަސްކަލާނގެ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ, ކީރިތި ރަސޫލާ އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައި ވަނީ އަޅުގަނޑުމެންނަށް އޮޅުމަކުން ކުރެވޭ ހަޑި ހުތުރު އަމަލުތައްވެސް ވަންހަނާ ކުރުމަށް ކަމަށެވެ. އަދި ތިމާ އެފަދަ ކަންކަން އާމުކޮށް ފާޅު ނުކުރާހައި ހިނދަކު, މާތް الله އިންސާނާގެ އެފަދަ އަމަލުތައް ބޭޒާރު ނުކުރައްވައި, ވަންހަނާކޮށް ދެއްވާނެ ކަމަށް ބުންޏެވެ.

އަދި އިންސާނުންނަށް ކުރެވޭ ކުށްފާފަތަކާއި ހަޑި ހުތުރު އަމަލުތައް ވަންހަނާކުރުމަކީ ގިޔާމަތް ދުވަހުން މާތް اللهގެ ފުއްސެވުމާއި މަޤުފިރަތު ލިބޭނެ ކަމެއް ކަމަށާއި ނަމަވެސް މުސްލިމުންގެ ސިއްރުތައް ކަޝްފުކޮށް ހާމަކުރަން މަސައްކަތް ކުރާ މީހުންނަށް ކީރިތި ރަސޫލާ އިންޒާރު ދެއްވާފައިވާ ކަމަށް ބުންޏެވެ.

މާތް اللهގެ އަޅުތަކުން ފަލީހަތްނުކޮށް, އެމީހުންގެ ނުބައި އަމަލުތައް ވަންހަނާކޮށްދޭ މީހަކީ الله ދެކެ ބިރުގަންނަ, އާހިރަތް ދުވަހުގެ ރައްކާތެރިކަމަށް އެދޭ މީހެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހަބަރާއި ފޮޓޯތަކާއި ވީޑިއޯތައް ފަތުރަން ފަސޭހަ މިފަދަ ޒަމާނެއްގައި މުސްލިމުން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.