ރައްޔިތުންނާ ސަރުކާރާ ދެމެދު އެޅޭ ފާލަމަކަށް މެންބަރުން ނުވަނީ ނަމަ އެކުރެވެނީ އިހްލާސްތެރި މެންބަރު ކަމެއް ނޫން ކަމަށް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، އަބްދުލް ހަންނާނު އިދްރީސް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ފަރާތުން ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަންނާން ވިދާޅުވީ، ތައުލީމީ ދާއިރާގައި މަސައްކަތްކޮށްފައި ސިޔާސީ މައިދާނަށް ނުކުތުމުން ވަރަށް ގިނަ ރައްޔިތުން އެކަމުގެ ސަބަބު އޮޅުންފިލުވަން ބޭނުންވާ ކަމަށާއި ސިޔާސީ ދާއިރާއަށް ނުކުތުމަކީ މީގެ ކުރިން އޭނާވެސް ވިސްނާފައި އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް މީގެ ކުރިންވެސް އޭނާ ކުރީ ސިޔާސީ މަސައްކަތް ފަދަ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގިނަ ދިވެހިން ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެވޭނީ، އަޑުގަދަ، ޕޯޑިއަމްތަކުގައި ޖޯޝާއެކު ވާހަކަދެއްކޭނެ ފެންވަރުގެ، ބާޒާރުމަތީ ބަހުރުވަ ގެންގުޅޭ މީހުންނަށް ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
"އަޅުގަނޑު މީގެ ކުރިން މަސައްކަތް ކުރަމުން މިދިޔައީ ރާއްޖޭގެ އެކި ހިސާބުތަކުގައި، މާލެއިން ދެކުނުގައި، މެދުރާއްޖެތެރޭގައި، މާލެއިން އުތުރުގައި. އެހެންވީމާ މި ހުރިހާ ހިސާބުތަކެއްގައި ތިބި ރައްޔިތުން ގޮވައިގެން ބެލެނިވެރިން ގޮވައިގެން، ދަރިވަރުން ގޮވައިގެން މަސައްކަތް ކުރި މީހަކަށް މަޖިލީހުގައި މަސައްކަތްކުރަން އުނދަގޫވާނެ އެއްވެސް ކަމެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑާއެކީގައި މަސައްކަތް ކުރަން ތިބޭނީ މި ދެންނެވި އެކި ހިސާބުތަކުގައި ދިރިއުޅޭ ބޭފުޅުން." ތައުލީމީ ދާއިރާގައި 32 އަހަރު މަސައްކަތް ކުރެއްވި ހަންނާނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭނާއަށް ރައްޔިތުންގެ މަޖިލީހުގެ އެކި ދާއިރާތަކުގައި މެންބަރުންނާއެކީގައި ގުޅިގެން މަސައްކަތް ކުރަން ފަސޭހަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު