ޕީސީއާރް ޓެސްޓިންގެ މިންގަނޑުތަކާ ހިލާފުވެގެން ފަތުރުވެރިންނަށް ހިދުމަތް ދޭ ޓޫރިސްޓް އުޅަނދަކަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ އުޅަނދުގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނަށް އެންގުމަށްފަހު އެ އިދާރާގެ ލިސްޓުން އެއުޅަނދުގެ ނަން މިހާރު އުނިކޮށްފައިވާ ކަމަށެވެ.

އެ އުޅަނދަށް އަލުން ހުއްދަ ދެވޭނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ "ޕަބްލިކް ހެލްތް އިންޓާވެންޝަން ޓު ޕްރިވެންޓް ކޮވިޑް 19 ޓްރާންމިޝަން އިން ދަ ޓޫރިޒަމް ސެކްޓަރ (ވާޝަން:04)" ގެ ގައިޑްލައިންގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޓޫރިސްޓް އުޅަނދުގެ ކަންތައްތައް ހުރިތޯ ބަލައި ކަށަވަރުކުރުމަށް ފަހު ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިދުވަސްވަރަކީ ދުނިޔޭގައި އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ، ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުން ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.