ބޯވަ ނަގަން ގޮސްއުޅެނިކޮށް ގެއްލުނު ހދ. ކުމުންދޫ، އަރާއިރު، ޝުރޭހު ހަސަން، 21 އަހަރު، ހޯދުމަށް ކުރިއަށްގެންދިޔަ އެކްޓިވް ސާޗު، ސާފޭސް ސާޗަކަށް ބަދަލުކޮށްފިއެވެ.
ޝުރޭހު ގެއްލުނީ މިދިޔަ ހުކުރު ދުވަހު ގުޅީފަޅު ކައިރިއަށް ބޯވަ ނަގަން ގޮސް އުޅުމުގެ ތެރޭގައެވެ.
އެމްއެންޑީއެފުން ބުނީ ޝުރޭހު ހޯދުމުގެ މަސައްކަތް ސާފެސް ސާޗަކަށް ބަދަލުކޮށްފައިވަނީ އޭނާ ހޯދުމަށް ކޯސްޓްގާޑްގެ ސެކަންޑް ސްކޮޑްރަނުން ކުރިއަށް ގެންދިޔަ އެކްޓިވް ސާޗަށް 72 ގަޑިއިރު ވުމުން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ 72 ގަޑިއިރަކީ މިފަދަ ހާދިސާތަކުގައި މީހުން ނުފެނި، އެމީހުންގެ "ސަވައިވަބިލިޓީ ރޭޓް" އެންމެ ބޮޑަށް ދިގުދެމިގެންދާނޭ މުއްދަތު ކަމަށް ދުނިޔޭގެ ގިނަ ތަންތަނުގައި ބަލައި ގަންނަ ސްޓޭންޑާޑް ވަގުތު ކަމަށެވެ.
ޝުރޭހު ހޯދުމުގެ މަސައްކަތް ސާފެސް ސާޗަކަށް ބަދަލުކުރި ނަމަވެސް އެމްއެމްޑީއެފާއި ކޯސްޓްގާޑުން އަދިވެސް އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މިހާ ދިސާއާ ގުޅުންހުރި އިތުރު އެއްވެސް މައުލޫމާތެއް ނުވަތަ ކަނޑުދަތުރުކުރާ އުޅަނދު ފަހަރުން އެސަރަހައްދުން ދަތުރުކުރާއިރު މިކަމާ ގުޅުންހުރި އެއްވެސް ކަމެއް ފެނިއްޖެނަމަ ވީ އެންމެ އަވަހަކަށް ކޯސްޓްގާޑުގެ ފޯން ނަމްބަރު 191 އަށް ރިޕޯޓްކޮށްދިނުން އެދޭ ކަމަށެވެ.
ޝުރޭހު ބޯވަ ނަގަން ދިޔައީ އޭނާގެ އިތުރު ދެ ރަހުމަތްތެރިޔަކާ އެކުގައެވެ. ޝުހޭރު ގެއްލުމުގައި އޭނާއާ އެކު ބޯވަ ނަަގަން ދިޔަ ދެ މީހުންގެ އަތެއްވާކަމަށް ޝުރޭހުގެ އާއިލާއިން ތުހުމަތު ކުރެއެވެ.