ފާއިތުވި ތިން އަހަރު ތެރޭގައި އިތުރު 20 މެގަވޮޓްގެ ސޯލާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ހޯމް ސޯލާ ޕްރޮގްރާމް ހިންގުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައި އިރު، ޖުމުލަ ހުރީ 16.5 މެގަވޯޓްގެ ސޯލާ ކަމަށާއި ނަމަވެސް މި ސަރުކާރުން އިތުރު 20 މެގަވޯޓްގެ ސޯލާ ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ ކަމަށެވެ. އެއާއެކު މިހާރު ޖުމުލަ 36.5 މެގަވޮޓްގެ ސޯލާ ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރުވެސް 26 ރަށެއްގައި 11 މެގަވޮޓްގެ ސޯލާ ހަރުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި 32.8 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކުރުމަށް ބީލަން މަރުހަލާގައިވާ ކަމަށެވެ. އޭގެ އިތުރުންވެސް އިތުރު ނުވަ މެގަވޮޓްގެ ސޯލާ ހަރުކުރުމަށް ޕްރީ ޓެންޑަރިންގެ މަރުހަލާގައިވާކަން ފާހަގަކުރެއްވިއެވެ.

ފެނަކައާ ހިންގަން ހަވާލުކުރި ހޯމް ސޯލާ ޕްރޮގްރާމަކީ 20 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފަށައި ރިވޯލްވިން ފަންޑަކުން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. ސޯލާ ހޯމް ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ 1000 ގެއެއްގެ ފުރާޅުގައި ސޯލާ ޕީވީ ހަރުކޮށް ކަރަންޓް އުފައްދަން ވަނީ ނިންމައިފައެވެ.