ޚަބަރު

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގޮއިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމު ކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި، ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ފަރާތުން ބ. ގޮއިދޫގައި ބާބަކިއު ހެދުމަށް ހާއްސަ ސަރަހައްދެއް ގާއިމު ކޮށްފިއެވެ.

ބާބަކިއު ހެދުމަށް ފަރުމާކޮށްފައިވާ މިތަން ތަރައްގީކޮށް އާންމުންނަށް ބޭނުން ކުރެވޭނެހެން މިހާރު ވަނީ ހުޅުވައިލައިފައެވެ.

ބީއެމްއެލް އިން ބުނީ މި ސަރަހައްދުގައި ފަސޭހަކަމާއެކު ބޭނުން ކުރެވޭނެ ގޮތަށް ހިޔާވާނެ ހަޓް ހަދައި، ބާބަކިއު ހެދުމަށާއި ކައްކައި ކެއުމަށް ބޭނުންކުރާނެ ބެންޗާއި މޭޒު ބެހެއްޓިފައި ހުންނާނެ ކަމަށެވެ. އަދި ކުނި އެޅުމަށް މި ސަރަހައްދުގައި ޑަސްބިންވެސް ބަހައްޓާފައި ހުންނާނެ ކަމަށް ބީއެމްއިލް އިން ބުނެއެވެ.

"ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފާހަގަކޮށްލެވޭ އެތައް ޕްރޮޖެކްޓެއް ހިންގުމަށް މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފަ. އަދި މި ޕްރޮޖެކްޓަތަކާއެކު ރަށްރަށަށް މިވަނީ އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް އިތުރު ފުރިހަމަކަމެއް ގޮއިދޫގެ ކުދިބޮޑު އެންމެން ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލަށް އުފާވެރި މާހައުލެއް ގާއިމު ކުރުމަށް މި ފަންޑުގެ ދަށުން މި ޕްރޮޖެކްޓަށް އެހީތެރިވެ އަދި ކާމިޔާބުކަމާއެކީ ނިންމާލެވުނު ކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް." ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރަށުގެ ތުނޑި ޕިކްނިކް އޭރިޔާއަކަށް ހެދުމުގެ އެންމެ ބޮޑު މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި، ބަދަހި އާއިލާތަކެއް އުފައްދައި އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުން. މި ޕްރޮޖެކްޓަށް ބޭންކް އޮފް މޯލްޑިވްސް އިން ވެދެއްވި އެހީތެރިކަމަށް ޓަކައި ބޭންކަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މި މަސައްކަތް ކާމިޔާބުކަމާ އެކީ ނިންމާލުމުގައި ރަށުގެ އެކި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް އެ ފަރާތްތަކަށްވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން." ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ރައީސް ހަސަން ނިޒާމް ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލް ތަކެކެވެ. ބީއެމްއެލް އިން ބުނީ ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށެވެ.