ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބާޖެއް މާލެ އަތޮޅު ރަންނާޅި ރިސޯޓު ކައިރިން ފަރަށް އަރައިފި އެވެ.
އެފްއެސްއެމްގެ އޮފިޝަލަކު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތެޔޮ ބާޖު ފަރަށް އަރާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
ފަރަށް އެރި އިރު އެ ބާޖުގައި 90،000 ލީޓަރުގެ ޑިސަލާއި 8000 ލީޓަރުގެ ޕެޓްރޯލް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް މިހާތަނަށް އެއްވެސް ވަރަކަށް ތެޔޮ ލީކުވުމުގެ މައްސަލައެއް ދިމާވެފައި ނުވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ބާޖު ފުން ކުރުމަށް އެފްއެސްއެމްގެ އިތުރު ދެ ބޯޓު މިހާރު އެ ސަރަހައްދަށް ދަތުރު ކުރަމުން އަންނަ ކަމަށާއި އަދި ތެޔޮތައް ހުސްކުރުމަށްފަހު ފުން ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރަށް އެރި ސަބަބު މުޅިން ސާފުވެފައި ނުވާ ކަމަށާއި އެ ބާޖުގެ ކައްޕިގެ ފަރާތުން އެނގުނު ގޮތުގައި ބާޖު ފަރަށް އެރީ، އެ ފަރު ޖީޕީއެސްއަށް ނާރާތީ އެރި އޮޅުމަކުން ކަމަށެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ އެފްއެސްއެމްއިން އޮޕަރޭޓް ކުރަމުން އަންނަ 24 މީޓަރު ދިގުމިނުގެ ބާޖެއް ރޭގެ ވަގުތެއްގައި ރަންނާޅި ރިސޯޓު ކައިރީގައިވާ ފަރަކަށް އަރާފައިވާ ކަމަށާއި މި އުޅަނދު ފުންކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދުފަހަރު މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް ނުވަތަ އުޅަނދުން ތެޔޮ ލީކުވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.