މި އަހަރު ނިމެންވާއިރަށް އިތުރު 10 ރިސޯޓެއް ހުޅުވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ވަން އަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ ސީނިއަ ޕޮލިސީ ޑިރެކްޓަރ، މުހައްމަދު ޚުއްސާން ވިދާޅުވީ މިވަގުތު ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ޕްރޮގްރެސް އަށް ބަލާއިރު މި އަހަރުގެ ނިޔަލަށް އިތުރު 10 ރިސޯޓު ހުޅުވޭނެ ކަމަށް މިނިސްޓްރީން ލަފާކޮށްފައިވާ ކަމަށެވެ.

ޚުއްސާން ވިދާޅުވީ މި ރިސޯޓުތައް ހުޅުވިގެން ދާއިރު 2،998 ޓޫރިސްޓް އިންޑަސްޓްރީއަށް އެނދު އިތުރުވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި މިވަގުތު 156 ރިސޯޓް ހިންގަމުން އަންނަ އިރު 18،683 ޓޫރިސްޓް އެނދު އޮޕަރޭޓް ކުރެއެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދުބާއީގައި ކުރިއަށްދާ "ދުބާއީ އެކްސްޕޯ 2020" ގައި ރާއްޖޭގެ 18 ރަށެއް ވަނީ ރިސޯޓް ހަދަން ބީލަމަށް ލައިފައެވެ. މިދިޔަ އަހަރު އެކަނިވެސް 1.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު މިނިސްޓްރީގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް 2 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.