ސާބިއާގެ ޓެނިސް ތަރި ނޯވަކް ޖޮކޮވިޗްގެ ވިސާ އޮސްޓްރޭލިއާގެ އިދާރާތަކުން ކެންސަލް ކޮށްފިއެވެ.

މިމަހު 17 ވަނަ ދުވަހު މެލްބަންގައި ފަށާ އޮސްޓްރޭލިއަން އޯޕަންގައި ކުޅުމަށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗް އޮސްޓްރޭލިއާ އަށް ދިޔައީ އިއްޔެއެވެ. ޑުބާއީ މަގުން އިއްޔެ އޮސްޓްރޭލިއާއަށް ޖޮކޮވިޗް ދިޔައީ ހާއްސަ ވިސާއެއްގެ ދަށުން އެގައުމަށް އެތެރެވުމަށެވެ. އެހެން ނަމަވެސް އޮސްޓްރޭލިއާގެ ސިއްހީ އިދާރާތަކުގެ ހާއްސަ ގަވާއިދުތަކުގެ ތެރެއިން ބަލައި، ޖޮކޮވިޗްގެ ވިސާ މިހާރު ވަނީ ކެންސަލް ކޮށްފައެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޖޮކޮވިޗް މިހާރު ހުރީ އެގައުމުގެ ސަރުކާރުގެ ޑިޓެންޝަން ހޮޓަލެއްގަ އެވެ. މިއަދުގެ ވަގުތެއްގައި އޭނާ އަނބުރާ ސާބިއާއަށް ފޮނުވައިލާނެ އެވެ. ޖޮކޮވިޗަށް އޮސްޓްރޭލިއާގެ ވިސާ ނުލިބުނީ ވެކްސިން ޖެހިކަން އަންގައިދޭ ލިޔުން ހުށަހެޅިފައި ނުވާތީއެވެ. ކޮވިޑް 19ގެ ވެކްސިނާ ދެކޮޅަށް މިދިޔަ އަހަރުވެސް ޖޮކޮވިޗް ވާހަކަ ދައްކާފައިވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުން އޭނާ ވެކްސިން ޖެހުމާ ދެކޮޅެވެ.

އޮސްޓްރޭލިއަން އޯޕަންގެ ސިއްހީ ގައިޑްލައިންތަކުގައި އޮތް ގޮތުން މުބާރާތުގައި ކުޅޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަން މުބާރާތް އިންތިޒާމު ކުރާ ފަރާތަށް ކަށަވަރުކޮށްދޭން ޖެހޭނެ އެވެ. އަދި ކޮވިޑް ވެކްސިން ނުޖަހާ ނަމަ މުބާރާތުގައި ބައިވެރި ވެވޭނީ ވެކްސިން ނުޖަހަނީ ބަލި ހާލަތެއްގެ ސަބަބުން ސިއްހީ މާހިރެއްގެ ލަފާގެ މަތިން ކަމަށް ސާބިތުކޮށްދޭ "މެޑިކަލް އެގްޒެމްޕްޝަން" ލިޔެކިޔުން ހުށަހަޅަން ޖެހޭނެ އެވެ. ޖޮކޮވިޗް އެ ލިޔުންތައް ބޭނުން ކުރި ކަމަށް ހަބަރުތައް ބުނި ނަމަވެސް އެއާޕޯޓުން އެ ލިޔުންތައް ބަލައިގެންފައެއް ނުވެއެވެ.

ޖޮކޮވިޗްގެ މައްސަލައިގައި އޮސްޓްރޭލިއާގެ ޕްރައިމް މިނިސްޓަރު ސްކޮޓް މޮރިސަން ވިދާޅުވީ ގައުމުގައި ހެދިފައިވާ އުސޫލުތަކާއި ގަވާއިދުތަކަށްވުރެ މަތި އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. އޭގެ އިތުރުން މޮރިސަން ވިދާޅުވީ ކުޅުންތެރިންނަށް މެޑިކަލް އެގްޒެމްޝަން ދޭން ނިންމާނީ ހުށަހަޅާ ލިޔުންތަކަށް ބަލައިގެން ކަމަށާއި، ޖޮކޮވިޗް ހުށަހެޅި ލިޔުންތަކުން އެކަން ކުރެވެން ނެތް ކަމަށެވެ.

ޖޮކޮވިޗްގެ އާއިލާއިން އަންނަނީ ގާނޫނީ ގޮތުން އޮސްޓްރޭލިއާއާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާ ވިސާއަކަށް ހުށަހަޅައި އަދިވެސް މުބާރާތަށް އެތެރެ ވެވޭތޯ ޖޮކޮވިޗްގެ އާއިލާއިން މަސައްކަތް ކުރަމުން އަންނައިރު، ޖޮކޮވިޗްގެ ބައްޕަ ވަނީ ރުޅި ގަދަވެ އޮސްޓްރޭލިއާ އިދާރާތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އަދި އެ މައްސަލައިގައި ސާބިއާގެ ރައީސް އެލެކްސެންޑްރާ ވުސިޗްވެސް ވަނީ އޮސްޓްރޭލިއާއާ ދެކޮޅަށް ފާޑު ވިދާޅުވެފައެވެ.

ވުސިޗް ވިދާޅުވީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާއަށް އޮސްޓްރޭލިއާއިން ކުރަމުން ދަނީ ފުރައްސާރަ ކަމަށާއި، އެކަން ބަލައިނުގަންނާނެ ކަމަށެވެ. އަދި މުޅި ސާބިއާ އެކީ ޖޮކޮވިޗުގެ ފަހަތުގައި އޮންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް ވުސިޗް ވިދާޅުވިއެވެ.