ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކޮށްފައިވާ އާ ވީއައިޕީ ޓާމިނަލް މާދަމާ ހުޅުވަން ނިންމައިފިއެވެ.

އެމްއޭސީއެލުން ކުރިން އެތަން ހުޅުވަން ތައްޔާރުވަމުން ދިޔައީ މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އެމްއޭސީއެލްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މާދަމާ ހުޅުވައި އޮޕަރޭޝަނަށް ގެންނާނީ ވީއައިޕީ ޓާމިނަލްގެ ފުރަތަމަ ފިޔަވަހި ކަމަށެވެ. އަދި އެ ބަދަލާއެކު ކުރީގެ ވީއައިޕީ ޓާމިނަލްގެ ހުރިހާ ކަމެއް، އާ ޓާމިނަލަށް ބަދަލުކޮށް، ޓާމިނަލްގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތް ފެށޭނެ ދުވަހެއް، އަދި ނިންމައި ހުޅުވޭނެ ދުވަހެއް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

އާ ވީއައިޕީ ޓާމިނަލުގެ މަސައްކަތް ކުރަމުން އަންނަނީ މިހާރު ހުރި ވީއައިޕީ ޓާމިނަލުގެ ފަހަތުގައެވެ. އާ ވީއައިޕީ ޓާމިނަލުގެ މަސައްކަތް ކުރަމުން އަންނަނީ އެއާޕޯޓުގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ، ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބީޔޫސީޖީ އިންނެވެ.

ހަތަރު ބުރިއަށް ހަދާފައިވާ އާ އިމާރާތުގައި އޯޕަން އޭރިއާގެ ބަދަލުގައި އެކަނި ތިބެން ބޭނުންވާ ޓޫރިސްޓުންނަށް ވަކިން ކެބިންތަކާއި ޗެކިން ކައުންޓަރުތައް ވެސް ހުންނާނެއެވެ.

ކުރީ ސަރުކާރުން ފަށާފައިވާ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއަކީ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ވީއައިއޭގައި 3،400 މީޓަރު ދިގު ރަންވޭއެއް ވަނީ ހަދައިފައެވެ. އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރަށް އަރައެވެ.