އޮމިކްރޯން ފެތުރޭ ސްޕީޑް އަވަސް ނަމަވެސް، ފުއްޕާމެއަށް ގެއްލުންވާ މިންވަރު ކުޑަ ކަމަށް ގިނަ ދިރާސާތަކުކުން ދައްކައިފިއެވެ.
ޖަނަވާރު ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި މިދިރާސާގައި ބޭނުންކުރި މީދާ އަދި ހެމްސްޓާތަކުގެ އަނގަޔާ ނޭފަތް އަދި ކަރާއި ނޭވާ ދަތުރު ކުރާ ހޮޅިތަކަށް ހަމަލާ ދިން މިންވަރު އިތުރު ނަމަވެސް ހަށިގަނޑުގެ އެތެރެއަށް ވައިރަސް ވާސިލު ވާ މިންވަރު ކުޑައެވެ. އަދި އެކަމުގެ ސަބަބުން ފުއްޕާމެއަށް ލިބޭ ގެއްލުންވެސް ކުޑައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދެކުނު އެފްރިކާއިން ފެނުނު އޮމިކްރޯން ވޭރިއަންޓުން އޭރު ހޯދުނު ހޯދުން ތަކުން އެނގިފައިވަނީ ވޭރިއަންޓު 50 ގުނަ އިތުރަށް މިއުޓޭޓު ވެ ވައިރަހަށް ބަދަލު އައިސްފައިވާ ކަމެވެ.
ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި މި ވޭރިއަންޓް އިތުރަށް ދިރާސާ ކުރުމަށް ގިނަ ރިސާޗް ގުރޫޕު ތަކަކުން ވަނީ މަސައްކަތް ކުރަމުން އައިސްފައެވެ.
އޮމިކްރޯން އިން ލިބޭ ގެއްލުން ކުޑަކޮށްދޭ ކަމަށް މީގެ ކުރިން ދައްކާފައިވާއިރު، މި ވޭރިއަންޓް ފުރަތަމަކޮޅު ގިނައިން ފެނިފައި ވަނީވެސް، ޒުވާނުންގެ ގައިންނެވެ. އެހެންކަމުން ވެކްސިން ނުޖަހާ، އުމުރުން ދޮށީ މީހުންނަށް މި ވޭރިއަންޓްގެ ސަބަބުން ނުރައްކާ އޮތް މިންވަރު އޭރު ދެނެގަނެވިފައެއް ނުވެއެވެ.
ހޮންކޮންގް ޔުނިވަސިޓީގެ ޓީމަކުން އޮމިކްރޯން ދިރާސާކުރުމަށްފަހު ހޯދުނު ހޯދުންތައް ވެސް ވަނީ ހިއްސާކޮށްފައެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި މި ވޭރިއަންޓުން ނޭވާލާ ނިޒާމަށް ހަމަލާ ދޭ މިންވަރު ފުރަތަމަ ފެނުނު ކޮވިޑް އަދި ޑެލްޓާ ވޭރިއަންޓުތަކަށް ވުރެ 70 ގުނަ އިތުރެވެ. އަދި ހަލުވި މިނެއްގައި ބަލި ފެތުރުމުގެ ފުރުސަތު މީގެ ސަބަބުން އިތުރުކޮށްދެއެވެ.
ނަމަވެސް އޮމިކްރޯން ވޭރިއަންޓުން ފުއްޕާމެއަށް ހަމަލާދޭ މިންވަރު ކުޑަކަމަށާއި ފުއްޕާމޭގެ ޓިޝޫތަކާއި ހަމައަށް ދަތުރުކުރާ މިންވަރު ދަށް ކަމަށް މިހޯދުންތަކުން ވަނީ ސާބިތުކުރެވިފައެވެ. ޑރ. މައިކަލް ޗެން ގެ ބެލުމުގެ ދަށުން ހެދުނު މިދިރާސާއާ ގުޅޭ ގޮތުން އޭނާ ބުނެފައިވަނީ ނަތީޖާ މިފަދައިން ދެއްކި ނަމަވެސް އިންސާނުންނަށް ބަލީގައި ބޮޑުވަރުވުން ކަނޑައެޅޭނީ ވައިރަސް ދަތުރުކުރާ ގޮތަށް ވުރެ އިންސާނާގެ ހަށިގަނޑުގައި ދިފާއީ ނިޒާމު މަސައްކަތްކުރާ ގޮތަށް ބަލައިގެން ކަމަށެވެ. އޭނާ ފާހަގަކުރިގޮތުގައި އޮމިކްރޯންގެ ސަބަބުން ފުއްޕާމެއަށް ދޭ ގެއްލުން ކުޑަ ކަމަށް ސާބިތުކުރެވުނު ނަމަވެސް އެހެނިހެން ބަލިތައް ތަހައްމަލު ކުރަމުން އަންނަ މީހުންނަށް އޮމިކްރޯންގެ ސަބަބުން ބޮޑުވަރުވުމާއި މަރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އިނގިރޭސިވިލާތުގެ ގެލްސްގޯގެ ޓީމަކުން ކުރިއަށް ގެންދިޔަ ދިރާސާއަކުން ވަނީ އޮމިކްރޯން ވޭރިއަންޓުން ފުއްޕާމެއަށް ގެއްލުން ވުމުން ދުރުކޮށްދޭ ސަބަބު ހާމަކޮށްފައެވެ. ފުއްޕާމޭގެ ސެލްތަކުގައި ހިމެނޭ ޕްރޮޓީނެއް ކަމަށްވާ ޓީއެމްޕީއާރްއެސްއެސް2 ގެ ސަބަބުން ކުރީގެ ވޭރިއަންޓުތަކަށް ފަސޭހައިން މޭގެ ޓިޝޫތަކަށް ވަނުމުގެ ފުރުސަތު އިތުރުކޮށްދިން ނަމަވެސް އޮމިކްރޯން އަށް އެ ފުރުސަތު ކުޑަކުރާ ކަމުގައި ވަނީ ހޯދިފައެވެ.