މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ރ. އަތޮޅު އަލިފުށީ ޓާފް ދަނޑުގައި ކުޅޭ ގޮތަށް ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) "ވަން" އަށް ވިދާޅުވީ ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް އަލިފުށީ ދަނޑުގައި ކުޅެން ނިންމާފައިވާ ކަމަށާއި، އެކަމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

"އަލިފުށީގައި ފައިނަލް ކުޅޭ ގޮތަށް ވަނީ ނިންމާފައި. އަތޮޅު ތެރޭގެ ފުޓުބޯޅަ ތަރައްގީ ކުރުމުގެ އިތުރުން އަތޮޅު ތެރޭގައި ހެދިފައި ދަނޑުތައް ބޭނުން ކުރުމަށް މެޗު އަލިފުށީގައި ކުޅެން ނިންމީ. މެޗު ވެގެންދާނީ އަލިފުށީ ދަނޑުގެ ވަރަށް ބޮޑު އެކްސްޕޯޝާއަކަށް،" ޖަވާ ވަން އަށް ވިދާޅުވިއެވެ.

އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ކުޅުމަށް މީގެ ކުރިން ވަނީ މަޝްވަރާ ކޮށްފައެވެ. އެގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހު އަލިފުށީ ކައުންސިލާއި ޔޫތު މިނިސްޓްރީ އަދި އެފްއޭއެމްގެ އޮފިޝަލުން ވަނީ އަލިފުށީގައި ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އާއި އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުން ޝާހު އިސްމާއިލް (ސާޔާ) އާއި އިސްމާއިލް ރިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ ކުރިންވެސް ދެ ފަހަރެއްގައި ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު މާލެއިން ބޭރުގައި ކުޅެފައިވެއެވެ. އެއީ 1970 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ފައިނަލެވެ.