ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރަށްރަށުގެ އިންޖީނުގެތައް ތަރައްގީކުރަމުން މިދަނީ ބަދަލު ނުގެނެސް 20 އަހަރު ދުވަހު ހިންގޭ ގޮތަށް: ރައީސް

އިބްރާހިމް ޒަކީ

ރަށްރަށުގެ އިންޖީނުގެތައް މިސަރުކާރުން ތަރައްގީކުރަމުން އަންނަނީ އެތަންތަނަށް ބަދަލު ނުގެނެސް ކުރިއަށް އޮތް 15 ނުވަތަ 20 އަހަރު ދުވަހު ހިންގޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ނ. މަގޫދޫއަށް މިއަދު ވަޑައިގެން އެރަށުގެ އާ އިންޖީނުގެ ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މީގެ ކުރިން ބައެއް ރަށްރަށުގައި ކޮންމެ ރޯދަ މަހަކާ ގުޅިގެން އިންޖީނު ބަދަލު ކުރަން ޖެހޭ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މި ވެރިކަމުގެ ފާއިތުވި ތިން އަހަރުގެ ތެރޭގައި ކަރަންޓުގެ ހިދުމަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމުގައެވެ. މި ގޮތުން، މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ކަރަންޓު އުފެއްދޭ މިންވަރު ރެކޯޑް ކުރެވިފައި ވަނީ 70 މެގަވޮޓްގައި ކަން ފާހަގަކުރައްވައި، މިހާރު އެ އަދަދު ދެގުނަކޮށް، 140 މެގަވޮޓަށް އިތުރު ކުރެވިއްޖެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، 133 ރަށަކަށް 213 އާ އިންޖީނު ފޯރުކޮށްދެވިފައިވާ ކަމަށާއި، 112 ރަށެއްގެ ކަރަންޓު ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރެވިފައިވާ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. 39 ރަށެއްގައި އާ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވާ ކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، މިހާރު ވެސް އިތުރު 31 ރަށެއްގައި އާ އިންޖީނުގެ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައެވެ. އިތުރު 14 ރަށެއްގައި އާ އިންޖީނުގެ އިމާރާތްކުރުމަށް ރާވާފައިވާ ކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކަރަންޓުގެ ހިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ސޯލިހު ވަނީ، އިއާދަ ކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ. އެ ގޮތުން، މިސަރުކާރު ހަވާލުވީ އިރު، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދޭ މިންވަރު އޮތީ 16 މެގަވޮޓުގައި ކަން ފާހަގަކުރައްވައި، އެ އަދަދު މިހާރު 20 މެގަވޮޓަށް އިތުރުކޮށް، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން އެ އަދަދު 52 މެގަވޮޓަށް އިތުރު ކުރުމަށް އަމާޒު ހިފާފައިވާ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މަގޫދޫ ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބައްލަވައިލައްވައި މުވައްޒަފުންނާ ބައްދަލުކުރައްވައިފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މަގޫދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލްގެ ހާލަތުވެސް ބައްލަވައިލައްވައިފައެވެ.