މި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް އަމާޒު ކޮށްފައި ވަނީ ރައްޔިތުންނަށް ކަމަށާއި، އެ އީ ސީދާ ރައްޔިތު މީހާއަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއު ތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ނ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ނ. މަނަދުއަށް މިއަދު ވަޑައިގެން އެރަށުގެ އާ އިންޖީނުގެ ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން، ބިނާކުރެވޭ ގިނަ ތަންތައް ހުޅުވުން ކުރިއަށް އޮތް ތަނުގައި ކުރިއަށްދާނެ ކަމަށެވެ. އެގޮތުގެމަތިން ރަށަކަށްފަހު ރަށެއްގެ އިންޖީނުގެތައް ހުޅުވަމުން އަންނައިރު، އެމީހުންނަށް ނުކުރެވުނު ކަމެއް ކުރަމުންދާތަން ދެކި، ހިތްހަމަ ނުޖެހި އެކަންތައްތައް ގަބޫލު ނުކުރާ ބަޔަކު ތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެބޭފުޅުންގެ ތަރައްގީ އާއި އަޅުގަނޑުމެންގެ ތަރައްގީގެ މަޝްރޫއުތައް ތަފާތު، އަޅުގަނޑުމެންގެ ތަރައްގީ އަމާޒު ކޮށްފައި މިވަނީ ރައްޔިތުންނަށް ސީދާ ރައްޔިތު މީހާއަށް، ވަކިވަކި ފަރުދުނަށް ދޭން ޖެހޭ ފުރަތަމަ އަސާސީ ހިދުމަތްތައް ދިނުމަށް، މި ވިސްނުމުގައި ލާމަރުކަޒީ ނިޒާމުގެ ދަށުން ރަށްތައް ތަރައްގީކުރަމުން މިދަނީ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މަނަދޫ އިންޖީނުގެ މީގެ ކުރިން ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށެވެ. އެކަމުގެ ސަބަބުން އެހިސާބުގައި ދިރިއުޅޭ މީހުންނަށް ދިރިއުޅުގެ ދަތިކަން އިހުސާސް ކުރަން ޖެހުނު ކަމަށެވެ. ހަމަ އެއާއެކު ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ނުލިބުމުގެ ދަތިކަންވެސް އޮތް ކަމަށެވެ.
ނަމަވެސް މިއަދު ހުޅުވި އާ އިންޖީނުގެއާއެކު އެކަންތައް ހައްލު ކުރެވިގެންދިޔައީ ކަމަށްވެސް ވިދާޅުވިއެވެ.
ފެނަަ ކޯޕަރޭޝަނާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ އެ މަސައްކަތުގަައި، އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރާއި ޗެއާމަން ހިމެނޭ ގޮތުން، ހީވާގިކަމާއެކު މަސައްކަތް ކުރި އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ.