ޚަބަރު

ފަތުރުވެރިކަމުގެ ރަންޔޫބީލަށް އުރީދޫ އިން ހާއްސަ ސިމް ޕެކެއް ތައާރަފުކޮށްފި

ރިފާ ހަލީލު

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ފަތުރުވެރިންނަށް ހާއްސަކޮށްގެން، ގޯލްޑަން އިޔާ ސިމް ޕެކް މިއަދު ތައާރަފުކޮށްފި އެވެ.

ފަތުރުވެރިންނަށް ހާއްސަކޮށްގެން ތައާރަފު ކުރި މި ސިމް ޕެކް އިފްތިތާހު ކޮށްދެއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

އުރީދޫ އިން ބުނީ މި ސިމް ޕެކްގައި އެއް މަސް ދުވަހުގެ ވެލިޑިޓީއަކާއެކު ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމަނާފައިވާ ކަމަށާއި، ސޯޝަލް މީޑިއާއަށް ހާއްސަ ޑޭޓާވެސް މީގައި ހިމަނާފައިވާ ކަމަށެވެ. މި ޕެކޭޖާއެކު، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދުރުގައި ތިބި އާއިލާ އާއި ރައްޓެހިންނާ ފަސޭހަކަމާއެކު ގުޅުވައިލަދީ ރާއްޖޭގައި ކުރާ ހިތްގައިމު ދަތުރު ހިއްސާކޮށްލެވޭނެ ކަމަށްވެސް އުރީދޫން ވަނީ ބުނެފަ އެވެ.

އުރީދޫން އަލަށް ތައާރަފު ކުރި ސިމްޕެކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް "ވަން" އަށް މިއަދު ވިދާޅުވީ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް މުޅި ގައުމު ތައްޔާރަށް އޮތް އިރު އެ ކުންފުނިންވެސް އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ.

"މިއަހަރު ތައާރަފު ކުރި މަގޭ ރާއްޖެ ކަލަންޑަރާއި ގޯލްޑަން އިޔާ ސިމް ޕެކް ލޯންޗު ކުރުމަކީ މި އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ފެށުން. އަޅުގަނޑުމެންނަކީ އަބަދުވެސް ރާއްޖޭގެ މުޖުތަމައަށް ދިރިއުޅުން ފަހިކޮށްދީ ރާއްޖޭގެ ކޮންމެ އުފަލެއްގައި ބައިވެރިވެ ދިވެހިންނާއެކު ދެމިތިބޭނެ ބައެއް. އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދިއުން." އޭނާ ވިދާޅުވިއެވެ.

އުރިދޫގެ ފަރާތުން އިސްނަގައިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލްގެ މުނާސަބާގައި ފަތުރުވެރިންނަށް ހާއްސަކޮށް ތައާރަފުކުރި މި ސިމް ކާޑަކީ ފަތުރުވެރިންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ފަސޭހައެއް ކަން ކަށަވަރު ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

ތޮއްޔިބު ވިދާޅުވީ އުރީދޫ މޯލްޑިވްސް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން ދާއިރާއަށް ބޭނުންވާ އީޖާދީ ހައްލުތަކާއި، ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މަގުފަހިކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އުރީދޫން އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯކާ މީޑިއާ ގްރޫޕާ ގުޅިގެން ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނެއް "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ކެމްޕޭނެއް، ދުނިޔޭގެ 10 ގައުމެއްގައި ތިބި 117 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.