ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ލ. މާބައިދޫ ކައުންސިލް، އަދި ދެވަނަ ޓީމުގެ ގޮތުގައި ގޯޅި ސްޕޯޓްސް ކްލަބު ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މުބާރާތުގެ ގްރޫޕު ބީގެ އެއްވަނައިގައި މާބައިދޫ ނިންމާލީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ޓީމުގެ ގޮތުގައި ގޯޅި ސެމީއަށް ދިޔަ އިރު، އެޓީމަށް ހަތަރު މެޗުން ލިބެނު ހަތް ޕޮއިންޓާއެކު ފައިދާ ފަސް ގޯލެވެ. ތިންވަނައިގައި އޮތް މާހިންނައަށްވެސް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ސެމީ ގެއްލުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ގްރޫޕް ބީގައި ދެން ބާކީ އޮތީ މުބާރާތުން ކަޓާފައި އޮތް ޕޮލިހާއި އަމިގޯސް ކުޅޭ މެޗު އެކަންޏެވެ.
މާބައިދޫ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ޔަގީން ކުރީ އިއްޔެ ގަމު ޒޯން ސްޓޭޑިއަމްގައި މާހިންނައާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މެޗަށްފަހު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއްވެސް އިއްޔެ ހިނގާފައިވާ އިރު، މާބައިދޫގެ ގޯލުތައް ޖަހައިދީފައި ވަނީ ޝާފިއު އަދި ހަނީފް (ޓާގެޓް) އެވެ.
މާބައިދޫން ސެމީގައި ކުޅެން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ޓީމާ ދެކޮޅަށެވެ. ގްރޫޕް އޭގެ ދެވަނަ ޔަގީން ވާނީ މިއަދު ލ. ފޮނަދޫ ކައުންސިލުން ދަނބިދޫ ކައުންސިލާ ކުޅޭ ގްރޫޕު ސްޓޭޖުގެ ފަހު މެޗަށް ފަހުއެވެ.
އެ މެޗަށް ނުކުތް އިރު، ގްރޫޕުގެ ދެވަނަ ޖާގައިގެ ފުރުސަތު ފޮނަދޫ އާއި ކުނަހަންދޫ އަދި ދަނބިދުއަށް އެބައޮތެވެ. އެހެން ނަމަވެސް ފޮނަދުއަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ. އެ މެޗުން ޕޮއިންޓެއް ހޯދައިގެންވެސް ދަނބިދުއަށް ސެމީ ޔަގީން ކުރެވެން އޮތް އިރު، ކުނަހަންދުއަށް ވަނީ އަމިއްލަ ބާރު ގެއްލިފައެވެ. ފޮނަދޫން ގިނަ ގޯލުތަކެއްގެ ތަފާތުން މޮޅުވެގެން ނޫނީ އެޓީމަށް ސެމީއަށް ދެވޭކަށް ނެތެވެ. ކުނަހަންދުއަށް އޮތް ފުރުސަތަކީ ފޮނަދޫން ދަނބިދޫ ބަލިކޮށްފި ނަމަ އޮތް ފުރުސަތެކެވެ.
އަނެއްކޮޅުން ގޯޅި ސެމީގައި ނުކުންނާނީ ގްރޫޕް އޭގެ އެއްވަނަ ޔަގީން ކޮށްފައިވާ އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ)އާ ދެކޮޅަށެވެ.
މުބާރާތުގައި މިއަދު އޮންނާނީ ގްރޫޕް އޭގައި ދަނބިދު އާއި ފޮނަދޫ ވާދަކުރާ މެޗެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު