ފ. ނިލަންދޫގައި ބޭއްވި އެމްޓީސީސީ ރަށްވެހި ޗެލެންޖް 2021 ގެ ޗެމްޕިއަންކަން ނިލަންދޫ ޔަންގް ޖެނަރޭޝަން (އެންވައިޖީ) ހޯދައިފިއެވެ.
އެންވައިޖީން ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި ސްޕޯޓްސް ކްލަބް ފަހުލަވާނުން ބަލިކޮށްގެންނެވެ. ނިލަންދޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މެޗު 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި އެންވައިޖީ މެޗު ކާމިޔާބުކުރީ 8-7 ގެ ނަތީޖާއަކުންނެވެ.
ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު ޝަރަފުވެރިކޮށްދެއްވި ފައިނަލް މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފުގައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ނުލިބެއެވެ.
ދެވަނަ ހާފުގައި މެޗު ހުޅުވިގެން ދިޔައެވެ. ދެޓީމަށްވެސް ފުރުސަތުތައް ފަހިވެގެން ދިޔަ އިރު، ފުރަތަމަ ލީޑު ނެގީ އެންވައިޖީންނެވެ. އެ ގޯލަކީ އެންވައިޖީ ކުޅުންތެރިޔަކު، ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލަން އުޅެނިކޮށް ފަހުލަވާނުންގެ ގޯލްކީޕަރު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. ޕެނަލްޓީ ގޯލަށް ފޮނުވާލައިގެން އެންވައިޖީއަށް ލީޑު ނަގައިދިނީ ކެޕްޓަން ފަރުހާދު އިސްމާއީލް (ފަރޭ)އެވެ.
އެންވައިޖީން ގޯލު ޖެހުމާއެކު ފަހުލަވާނުންވެސް ކުރިއަށް ޖެހި ގޯލަކަށް މަސައްކަތް ކުރިއެވެ. އެ މަސައްކަތް ކާމިޔާބުވީ މެޗުގެ 86 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީއަކީ އެންވައިޖީގެ ގޯލްކީޕަރު ފަހުލަވާނުގެ ހުސައިން އިބްތިޝާމް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ޕެނަލްޓީ ކުރިއަށް ފޮނުވާލައި ނަތީޖާ ހަމަހަމަ ކޮށްދިނީ ޒައިދުއެވެ.
މެޗު ނިމުމާއެކު މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ވަނީ ބާއްވައިފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަހުލަވާނުގެ ހުސައިން ސާރިފެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ފަހުލަވާނުގެ އަހުމަދު ރާބިއު އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް އެންވައިޖީގެ ފާރޫގު އިސްމާއީލް ހޮވުނުއިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ފަހުލަވާނުގެ އަހުމަދު ޒައިދުއެވެ. އެންމެ މޮޅު ފޯވާޑަކަށް ފަހުލަވާނުގެ އާދިލް އަލީ ހޮވުނު އިރު އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ އެންވައިޖީގެ މުސްލިހު މޫސާ އެވެ.
ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކަށް އެންވައިޖީގެ އަބްދުލް ޖަލީލު ހޮވުނު އިރު، ޓޮޕް ސްކޯރާއަށް ވޭލް ސަބްމެރިން އިން ހުށަހަޅާފައިވާ ފްރީ ޑައިވް އަދި ރަން ބޫޓް ލިބުނީ މުބާރާތުގައި ހަތަރު ގޯލު ޖެހި އެންވައިޖީގެ ފަރުހާދު އިސްމާއީލް (ފަރޭ) އަށެވެ.
ފެއާޕްލޭ ޓީމަކަށް އެސްޖީސީ ހޮވުނުއިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް ވޭލް ސަބްމެރިން އިން ހުށަހަޅާފައިވާ ފްރީ ޑައިވް އާއި ނިލަންދޫގައި ގެސްޓް ހައުސް ވިޔަފާރި ފެށުމަށް ތައްޔާރުވަމުން އަންނަ އެވިލާއިން ހުށަހަޅާފައިވާ ފައިސާގެ އިނާމާއި ޓްރޮފީ ލިބުނީ އެންވައިޖީގެ ފާރޫގަށެވެ.
ރަނަރަޕް ޓީމަށް ރަށްވެހި ގްރޫޕްގެ ފަރާތުން ހުށަހަޅާފައިވަނީ 10000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އާއި ރިހިމެޑަލްއެވެ. ޗެމްޕިއަން ޓީމަށް ރަށްވެހި ގްރޫޕުން ހުށަހަޅާފައިވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން އަދި މިލްކުވާ ތަށްޓާއި ރަންމެޑަލް އެވެ.
އިއްޔެގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރަށްވެހި ގްރޫޕުންވަނީ ފެބްރުއަރީ މަހު ކުޑަކުދިންނަށް އަމާޒުކޮށްގެން ފ.އަތޮޅަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް އިއުލާނު ކޮށްފައެވެ.
ރަށްވެހި ކަޕްގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީއެވެ. ކޯ ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު