ހދ. ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓު އެރަށަށް ގެންގޮސްފިއެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން، އެމަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން މިއަދު ބުނީ ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓު ގަލުގެ ތިން ވަނަ ޝިޕްމަންޓު އިއްޔެ ޕްރޮޖެކްޓު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

ޖުމުލަ 57.1 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި 31,575.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމާއި 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 270 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތާއި 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.