ޚަބަރު

އަލަމާ ދޯނީގެ ދެ ފަޅުވެރިއަކު ފެނިއްޖެ

ގެއްލިގެން ހޯދަމުން އަންނަ "އަލަމާ 5" ދޯނީގެ ދެ ފަޅުވެރިއަކު ފެނިއްޖެއެވެ.

"އަލަމާ 5" ދޯނި ކުއްޔަށް ހިފާފައިވާ ހަސަން ފައުޒީ މިރޭ "ވަން" އަށް ބުނީ ފެނިފައިވަނީ އެ ދޯނީގެ ދެ ބިދޭސީ ފަޅުވެރިން ކަމަށެވެ. ނަމަވެސް "އަލަމާ 5" ދޯނީގެ ކެޕްޓަން އާދަމް ޝަފީގު އަދިވެސް ފެނިފައިނުވާ ކަމަށެވެ.

ފައުޒީ ބުނީ ދެ ބިދޭސީންގެ ތެރެއިން އެކަކު އަތުގައި ފޯނު އޮތުމުން، ރޭންޖު ލިބޭ ހިސާބަކަށް ދެވުމުން އޭނާ ގުޅާފައި އެމީހުން ތިބި ސަރަހައްދު އަންގާފައިވާ ކަމަށެވެ. ދެ ބިދޭސީން ވެސް ތިބީ ކުކިން އޮއިލް 20 ލީޓަރުގެ ހަމެއްގައި ވާ އައްސައިގެން ކަމަށާއި އެ މީހުން ތިބީ އދ. ދަނގެތި ކައިރީގައި ކަމަށެވެ.

ފައުޒީ އިތުރަށް ބުނީ އެ މީހުންނާ ފޯނުން ގުޅިފައި ވިޔަސް އަދި ސަލާމަތް ކުރެވިފައިނުވާ ކަމަށެވެ. އެމީހުން ސަލާމަތް ކުރުމަށް ކޯސްޓުގާޑުން މިހާރު އެ މީހުން ތިބި ސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށް ބުންޏެވެ.

އަލަމާ ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު އެ ދޯނީގެ ކެޕްޓަން އާދަމް ޝަފީއު އެންމެ ފުރަތަމަ ދިނީ އޭނާއާ އެކު ފާނަ ކިރުމުގެ މަސައްކަތުގައި ހަމަ އެ ކުންފުނީގައި ހަރަކާތްތެރިވާ އެހެން ދޯންޏެއްގެ ކެޕްޓަނެއް ކަމަށްވާ، އަލީ ރަޝީދު އަށެވެ. އަލީ ރަޝީދު ދުއްވާ ދޯނި އެއިރު ދަތުރުކުރަމުން އައީ ރ. އަތޮޅުން މާލެ އަށެވެ.

އަލީ ރަޝީދު "ވަން" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަޑިޔަށް ދިޔަ ދޯނީގައި ސަލާމަތީ ކަންކަން ރަނގަޅަށް ހުންނާނެ ކަމަށާއި ދިޔަ ހިއްކާ ދެ ޕަންޕު ހުންނާނެ ކަމަށެވެ. ދޯނި ދިޔަވެ އަޑިޔަށް ހިނގައްޖެ ނަމަ، ފެންމަތީގައި ތިބުމަށް އެހީތެރިކަން ހޯދޭނެ ވަރަށް ގިނަ ތަކެތި ވެސް ދޯނީގައި ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ފައިބަރު ފޮށި ތަކާއި ބޮޑެތި ހަމާއި 50 އަށްވުރެ ގިނަ ލައިފް ޖެކެޓު ވެސް ހިމެނޭ ކަމަށް އަލީ ރަޝީދު ބުންޏެވެ.

އެމްއެންޑީއެފުން މިރޭގެ ވަގުތެއްގައި ބުނެފައިވަނީ ދޯނީގެ ފަޅުވެރިން ހޯދަން 2,720 ސްކެޔާ ނޯޓިކަލްމޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ދޯނި އަޑިޔަށްދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ 11:22 އެހާކަންހާއިރުއެވެ. އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކޯސްޓުގާޑަށް ވަނީ އެ ދޯނީގައި ހުރިތަކެތި އޮޔާ ދަނިކޮށް ފެނިފައެވެ.