ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީސް، ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ފުލުހަށް ހުށަހެޅި މައްސަލަތައް ނުބަލަން ނިންމައިފިއެވެ.
ފުލުހުން މިރޭ ބުނީ ރައްޔިތުންގެ އިއްތިހާދުގެ ނަމުގައި ފުލުހަށް ހުށަހަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމުގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައާ ގުޅިގެން ތަހުގީގެއް ހިންގަމުންނުދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ރައްޔިތުންގެ އިއްތިހާދަކީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ގާނޫނީ ޝަހުޝަކަށް ނުވާތީ އެ ސިޓީއާމެދު އަމަލުކުރިގޮތް އެސިޓީ ފޮނުވި ފަރާތައް އަންގާފައިނުވާނެ ކަމަށެވެ.
"ޖަމިއްޔަތުލް އިއްތިހާދުގެ ނަމުގައި ދިވެހި ފުލުހުންގެ ހިދުމަށް ހުށަހަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތައް މި ހިދުމަތުން ބެލިބެލުމުން ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަކަމެއް ފާހަގަ ކުރެވިފައި ނުވާތީ، އެ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން މި ހިދުމަތުގެ ފަރާތުން ތަހުގީގެއް ކުރިއަށް ނުގެންދާ ވާހަކަ ދަންނަވަން،" ފުލުހުން ބުންޏެވެ.
ފުލުހުން އިތުރުން ބުނީ އިސްލާމްދީނާ ހިލާފަށް ބައެއް ފަރާތްތަކުން ހިންގާ ކަންކަމަކީ ވަރަށް އިސްކަމެއް ދީގެން ތަހުގީގުކުރަމުންދާ އަދި މުސްތަގުބަލުގައި ވެސް އިސްކަމެއް ދީގެން ބަލާނެ މައްސަލަތައް ކަމަށެވެ. އަދި ރައްޔިތުން އިއްތިހާދުން ފޮނުވާފައިވާ ސިޓީގައިވާ ކަންކަމަކީ އިސްލާމްދީނާ ހިލާފު ކަމެއް ކޮށްގެން ހުށަހެޅި މައްސަލައެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރައީސް ނަޝީދާއި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ހުސައިން ރަޝީދު އަހުމަދު، ކްރިސްމަސް ދުވަހާ ގުޅިގެން ޝުއޫރު ފާޅުކޮށްފައިވާތީ ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ އިއްތިހާދުން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަށް ސިޓީއެއް ފޮނުވާފައިވަނީ އިއްޔެއެވެ.
އެ ސިޓީގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގެ ދަށުން ދީނީ ތަގްރީރު ކުރުމާއި ދީނީ ވާހަކަ ދެއްކުމުގައި އިސްލާމީ ވަހުދަތު ދެމެހެއްޓުމުގެ ނުކުތާއާ ހިލާފަށް ޣައިރު މުސްލިމުންގެ ޝިއާރު ފާޅު ކުރުމާއި އަދި އެކުށަށް އަރައިގަތުމަށް އެހެން މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ރައީސް ނަޝީދާއި ހުސައިން ރަޝީދު މީޑިއާގައި ހިޔާލުފާޅު ކުރައްވާފައިވާ ކަމަށެވެ.
ސިޓީގައި ބުނެފައިވަނީ މިފަދަ ހައްސާސް ތުހުމަތުތަކެއް އެ ދެމީހުންގެ މައްޗަށް ކުރެވޭއިރު، އަދި ބޭރުފުށުގެ އަމަލުތަކުން އެކަންކަން މީޑިއާއިން ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެ ދެމީހުންގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގާފައި ނުވާތީ އެކަމާ އެ އިއްތިހާދުން ކަންބޮޑުވާ ކަމަށްވެސް އެސިޓީގައި ވަނީ ބުނެފައެވެ.
އެ ސިޓީއާ ގުޅިގެން ރައީސް ނަޝީދު ވެސް ވަނީ ކަންބޮނޑުވުން ފާޅުކުރައްވައި މިއަދު ބަޔާނެއް ނެރުއްވައިފައެވެ. ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން ދޭ ބަހުގެ ހަމަލާތަކާއި މީޑިއާގެ ރިޕޯޓުތަކުގައި އެމަނިކުފާނަކީ އިސްލާމް ދީނުގެ އަސާސްތަކާ ހިލާފަށް އުޅޭ މީހެއްގެ ގޮތުގައި ތަސައްވުރެއް ކުރަހަން މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެފައިވާ ކަމަށެވެ.
"އަޅުގަނޑާ ދެކޮޅަށް އެއްލާ އެތިފަހަރުތަކުގެ ބަސްމަގު، ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުން ދާތީ ކަންބޮޑުވާތާ ދުވަސްކޮޅެއް ވެއްޖެ. މިފަދަ ބަސްމަގާއި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަށް ލަވައިދޭ ބައްސަމަގާ އެއް މަގުން ހިނގާތާ ދުވަސްތަކެއް ވެއްޖެ. އެފަދަ ވާހަކަތައް އިންތިހާއަށް ނުރައްކާތެރި ވެފައި، އޭގެ ހަމައެކަނި މަގުސަދަކީ އަޅުގަނޑުގެ ޖާނަށް ނުރައްކާ ދިނުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ "ރައްޔިތުންގެ އިއްތިހާދުގެ" ފަރާތުން އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅަނީ ނަފުރަތު އުފެއްދުމުގެ ބިލު އޮތް ގޮތަށް ފާސްނުކުރުމުން ކަމަށެވެ. އެގޮތުން އެ ބިލުގައި "އިސްލާމީ އަގީދާއާ ގުޅުވައި، މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން" އެއީ ކުށެއް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މަޖިލީހުން ފާސްކުރިއިރު އެ އިބާރާތް އުނިކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު