Close
ޚަބަރު

ސިވިލް ކޯޓާއި ފެމިލީ ކޯޓްގެ ޑިވިޝަންތައް އުވާލައި ގާނޫނަށް އަމަލުކުރަން އަންގައިފި

މުހައްމަދު އިޝާން

ކޯޓުތަކުގެ ގާނޫން ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް ވަކި އިހުތިސޯސްތަކެއް ކަނޑައަޅާފައި ވަނިކޮށް ކުރީގެ ސުޕްރީމް ކޯޓުގެ ސާކިއުލާއަކުން އެ ދެ ކޯޓުގެ މަސައްކަތްތައް ބަހާލައި ޑިވިޝަންތަކެއް އުފެއްދި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ސޮއިކުރައްވައި މިއަދު ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވަނީ ކޯޓްތަކުގެ ގާނޫނުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި ބަޔާންކުރުމާ އެކު އެ ކޯޓުތަކުގެ އިހުތިސޯސްތަކާއި މަސައްކަތްތައް ހިންގުމުގެ އުސޫލުތައް ބަޔާންކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން ކޯޓުތަކުގެ މަސައްކަތްތައް ތަރުތީބުވެ އިންތިޒާމު ކުރެވިފައި އޮންނަން ވާނީ ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ.

ޕްރެކްޓިސް ޑައިރެކްޝަންގައި އިތުރަށް ބުނެފައިވަނީ ކޯޓުތަކުގެ ގާނޫނުގައި މަދަނީ މައްސަލަތަކުގެ ތެރެއިން އާއިލީ މައްސަލަތައް ފިޔަވައި އެހެން ހުރިހާ މަދަނީ މައްސަލަތައް ބެލުމުގެ އިހުތިސޯސް ދީފައިވާ ސުޕީރިއާ ކޯޓަކީ ސިވިލް ކޯޓު ކަމަށެވެ. އަދި ހަމަ އެ ގާނޫނުގައި ފެމިލީ ކޯޓުގެ މަސައްކަތްތައް ބެހިގެންވާ ގޮތާއި އެ ކޯޓުން ބަލާނެ މައްސަލަތައް ބަޔާންކޮށްފައިވާނެ ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ ފަސް ޑިވިޝަން ގާއިމުކޮށް ހިބަ އާއި ވަސިއްޔަތާއި ތަރިކައިގެ މައްސަލަތާއި ވާރިސުން ގިންތިކުރުމުގެ މައްސަލަތަކާއި މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުން އެދި ހުށަހެޅޭ މައްސަލަތައް ބަލާނީ ފެމިލީ ކޯޓުގައި ގާއިމުކުރާ ޑިވިޝަނުން ކަމަށް ނިންމައި ސާކިއުލާއެއް ނެރެފައެވެ.

އެ ސާކިއުލާ އާއި އެއާ ގުޅިގެން ނެރުނު އެހެން ސާކިއުލާއެއް ވެސް ބާތިލުކޮށް ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނުގައި ވަނީ ސިވިލް ކޯޓާއި ފެމިލީ ކޯޓުން ކޯޓްތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިހުތިސޯސްއާ އެއްގޮތަށް މައްސަލަތައް ބަަލަމުން ގެންދާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވަނީ ކޯޓްތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިހުތިސޯސްއާ އެއްގޮތަށް މަސައްކަތް ކުރުމުގެ އިންތިޒާމް މި މަހުގެ ނިޔަލަށް ހަމަޖައްސައި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާ ޕްރެކްޓިސް ޑައިރެކްޝަނަށް އަމަލުކުރަން ވެސް އަންގައިފައެވެ.