ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, މާފަރު އެއާޕޯޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމަށާއި އެ އެއާޕޯޓް ބޮޑުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.

އެކަން ނުކުރެވި ލަސްވެގެން ދަނީ ބިޑް މަރުހަލާގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށާއި ނަމަވެސް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ބިޑު މަރުހަލާ ނިންމައި މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބޮއިންގް 777 ޓްވިން ޖެޓް ޖެއްސޭ ވަރަށް މާފަރު އެއާޕޯޓް ބޮޑުކުރަން ނިންމައި, އެކަމުގެ މަސައްކަތް މިދިޔަ އަހަރުގެ ކުރީކޮޅު ފެށި ނަމަވެސް އެކަމަށް އީޕީއޭ އިން ފުރަތަމަ ހުއްދައެއް ނުދިނެވެ. ފަހުން އެ ނިންމުން އިސްތިއުނާފު ކުރުމުން ހުއްދަ ދިނެވެ.

މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އިރު, އެ އެއާޕޯޓްގެ ދެވަނަ ފޭސް ތަރައްގީކުރުމުގެ މަޝްރޫއަށް ޔޫއޭއީގެ އެހީ ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ޑިސެމްބަރު 2019 ވަނަ އަހަރު ވަނީ ވިދާޅުވެފައެވެ.