ކުޅިވަރު

42 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔުނައިޓެޑް ދަނޑުގައި ވުލްވްސް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ވުލްވްސް އަތުން ބަލިވެއްޖެއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗުން ޔުނައިޓެޑުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ވުލްވްސްއިން ހޯދި މޮޅަކީ 1980 ވަނަ އަހަރަށްފަހު ޔުނައިޓެޑުގެ ދަނޑުގައި އެޓީމުން ހޯދި ފުރަތަމަ މޮޅެވެ. ރޭގެ މެޗާ ހަމައަށް މިދިޔަ 42 އަހަރު ޔުނައިޓެޑުގެ ދަނޑުގައި ވުލްވްސްއިން ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗު ޔުނައިޓެޑުން ކާމިޔާބު ކުރިއެވެ. އަނެއް ތިން މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ރޭގެ ނަތީޖާއާއެކު ލީގުގެ ގަދަ ހަތަރަކަށް ވަންނަން ޔުނައިޓެޑުން ކުރަމުން ދިޔަ މަސައްކަތަށް އިތުރު އުނދަގޫތަކެއް ކުރިމަތިވީއެވެ. ހަތަރު ވަނައިގައި އޮތް އާސެނަލަށް 20 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ހަތް ވަނައިގައި އޮތީ 19 މެޗުން 31 ޕޮއިންޓާ އެކުއެވެ. ގަދަ ހަތަރެއްގެ ރޭހުގައި ޔުނައިޓެޑަށް ވުރެ ކުރީގައި އޮތީ 20 މެޗުން 34 ޕޮއިންޓް ހޯދައިގެން ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާއި 18 މެޗުން 33 ޕޮއިންޓާ އެކު ހަ ވަނައިގައި އޮތް ޓޮޓެންހަމް އެވެ.

ރޭގެ މެޗަށް ޔުނައިޓެޑުން ނުކުތީ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އާއި ޑިފެންޑަރު ވިކްޓޯ ލިންޑަލޮފް ވެސް ނުލައެވެ. ކެޕްޓަން މެގުއާ އަނިޔާގައި ހުރި އިރު، ލިންޑަލޮފް ކޮވިޑުން ރަނގަޅު ވެ މެޗަށް ފިޓްވެފައެއް ނުވެއެވެ. ރޭގެ މެޗުގައި ޔުނައިޓެޑުގެ ފަހަތުން ފެނުނީ ފިލް ޖޯންސް އެވެ. ގިނަ ދުވަސްތަކެއް ވަންދެން ބެންޗުގައި އިނުމަށްފަހު ރޭގެ މެޗަށް ޖޯންސް ނުކުތް އިރު، ޔުނައިޓެޑުގެ ބޭންޑް އަޅައިގެން ރޭ ނުކުތީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ފުރަތަމަ ހާފުގައިވެސް ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރީ ވުލްވްސް އިންނެވެ. ރުބެން ނެވޭސް އާއި ހިމަނޭޒްގެ ހަމަލާތައް ވެސް ޑޭވިޑް ޑެހެއާ މަތަ ކޮށް ބޭރުކޮށްލި އިރު، ދެވަނަ ހާފަށް ބަދަލު ގެނެސް ޔުނައިޓެޑުންވެސް ރަނގަޅު ކުރިއެވެ. ބަދަލެއްގެ ގޮތުގައި ކުޅެން އެރި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އަށް ގޯލު ޖަހަން ރަނުގެ ފުރުސަތެއް ލިބި، ބޭކާރު ވެފައިވާ އިރު، އަނެއްކޮޅުން ވުލްވްސް އިން އަޑަމާ ޓްރެއޯރޯގެ ސްޕީޑާއެކު ޔުނައިޓެޑަށް ނުރައްކާ ކުރިއެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 81 ވަނަ މިނިޓްގައި ވުލްވްސްއިން ލީޑު ނެގިއެވެ. ޔުނައިޓެޑްގެ ޑިފެންޑަރު ޖޯންސް ބޮލުން ޖައްސާލި ބޯޅަ އޭރިއާ ރޮނގުކައިރިން ޖާއޯ މުޓީނިއޯ އަށް ލިބުމުން އޭނާ ކޮންޓްރޯލް ކޮށްލުމަށް ފަހު ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.