ޚަބަރު

އެޕާޓުމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ހީލަތުން ފައިސާ ހޯދި ދެ މީހަކު ހޯދަނީ

ރިފާ ހަލީލު

އެޕާޓުމަންޓު ކުއްޔަށް ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދި ދެ މީހަކު ހޯދަން ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އުޅޭ ވަކިތަނެއް ނޭނގޭތީ، ފުލުހުންގެ އިދާރާއަށް ހާޒިރު ވާން މާމިގިލި، ނޭޕާލް، އާއިޝަތު މާޝާ ޝާހީން، 26، އާއި ހއ. ހޯރަފުށި، އަޝްރަފީގެ، ނައުފަލް އަހުމަދު، 27، ހޯދަން އަންގައި އިއުލާން ކުރާ ކަމަށެވެ. އަދި އެ ދެ މީހުން ހޯދަނީ އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި ކަމަށް ތުހުމަތު ކޮށް، މީހަކު ގަލޮޅު ޕޮލިސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނީ ޖެނުއަރީ 13 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އެ ދެ މީހުން ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވާން އަންގާ ކަމަށެވެ.

އެޕާޓްމަންޓު ކުއްޔަށް ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަ އަކީ ދޭތެރެ ދޭތެރެއިން އިތުރުވަމުންދާ މައްސަލަ އެކެވެ.