ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީސް، ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ހުށަހެޅި މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެ މައްސަލަތައް ފުލުހަށް ހުށަހެޅީ "ރައްޔިތުންގެ އިއްތިހާދު" އިންނެވެ. އެ އިއްތިހާދުން ފުލުހަށް ހުށަހެޅި ސިޓީއެއްގައި ބުނެފައި ވަނީ 2020 ވަނަ އަހަރު ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ފާޅުކޮށް އާންމުކޮށްގެން މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެ މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލާފައި ނުވާ ކަމަށެވެ.

މިދިޔަ އަހަރުވެސް ކްރިސްމަސްގެ ތަހުނިޔާ ކިޔުން ތަކުރާރުކޮށް ފޮޓޯ އާންމު ކޮށްފައިވާތީ، އެ މައްސަލަ ދެވަނަ ފަހަރަށް ހުށަހަޅާ ކަމަށް ބުނެފައިވެއެވެ. އެ ސިޓީގައި ނަޝީދާ ގުޅޭ ދެ މައްސަލައެއް ބަލަން ހުށަހަޅާފައިވެއެވެ. އެއީ 2020 ވަނަ އަހަރު ރައީސް ނަޝީދު ކްރިސްމަސް މެސެޖް ދިވެހިންނަށް އާންމުކޮށް ދެއްކި މައްސަލަ އާއި 2021 ވަނަ އަހަރު ނަޝީދު ކްރިސްމަސް ލިޔެ ފާހަގަކޮށްފައި ފޮޓޯ އާއްމުކޮށް ތަކުރާރު ކުރި މައްސަލައެވެ.

އޭގެ އިތުރުން 2021 ވަނަ އަހަރުގެ ފޮޓޯގައި ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ދައުލަތުގެ މުވައްޒަފެއް ކަމަށް ތުހުމަތު ކުރެވޭ ބޭފުޅަކު ހުރުމުން އެއީވެސް އެކަމުގައި ހިމެނޭ މީހެއް ނަމަ އެ ފަރާތަށް ފިޔަވަޅު އެޅުމަށްވެސް އެދިފައިވެއެވެ.

އިއްތިހާދުން އެ ބުނާ ފޮޓޯގައި ފެންނަނީ، އދ.ގެ އާންމު މަޖިލީހުގެ ހާއްސަ މަންދޫބަކަށް ދިވެހި ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ތިލްމިޒާ ހުސެންއި އެވެ.

މި ކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން"އަށް މިއަދު ދާޅުވީ، އެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަމެއް އޮތް ނަމަ، އެކަން ބަލަމުންދާނެ ކަމަށެވެ. އަދި 2020 ވަނަ އަހަރު ހުށަހެޅި މައްސަލަ ނުބެލީ ކީއްވެތޯ ސުވާލުކުރުމުން ވިދާޅުވީ، އެކަން ޖެހޭނީ ސާފުކޮށްލަން ކަމަށެވެ.