މިސްރުގައި ކިޔަވަން ހުރި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ މިންހާޖު އީސާ (19)އ) އެވެ. މި ކުއްޖާ މަރުވެފައި އޮއްވައި ފެނިފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

ހާދިސާގެ މައުލޫމާތު އެނގޭ، މި ވަގުތު މިސްރުގައި ހުރި ދިވެހި ދަރިވަރަކު "ވަން" އަށް ބުނީ މިންހާޖު މަރުވެފައި އޮއްވައި ފެނިފައި ވަނީ، އޭނާ ފާހާނާގައި ގިނަ އިރު ވުމުގެ ސަބަބުން، އެޕާޓްމެންޓުގައި ދެން ދިރިއުޅޭ ކުދީން ދޮރު ފަޅާލައިގެން ބެލުމުންނެވެ. އެކުއްޖާއަކީ ސިވިލް އިންޖިނިއަރިން ކިޔަވަމުން އަންނަ ކުއްޖެކެވެ.

"އެކުގަ އުޅޭ ދިވެހި އެހެން ކުދީންނާ އެކު ފުޓުބޯޅަ ކުޅެން އުޅެފަ އައިސް މިލްކްޝޭކެއް ބޮއިގެން މިންހާޖު ވަނީ ފެންވަރަށް ފާހާނާއަށް. ދެން ވަރަށް ގިނައިރުވީ އިރުވެސް އިވެނީ މާގަނޑު ދޫކޮށްފަ ހުންނަ އަޑު އެކަނި. ގޮވާގޮވާވެސް ވާހަކައެއް ނުދައްކާ. އެންމެ ފަހުން ދޮރު ފަޅާލާފަ ވަދެ ބެލީމަ މި ފެނުނީ." މި ވަގުތު މިސްރުގައި ހުރި ދިވެހި ދަރިވަރަކު "ވަން" އަށް ބުންޏެވެ.

ވަން އަށް މައުލޫމާތު ދިން ދަރިވަރު ބުނީ، މިންހާޖު މަރުވެފައި އޮއްވައި ފެނުނު އިރު އޮތީ ފާހާނާގެ ޓަބު ތެރެޔަށް ވެއްޓިފައި ކަމަށެވެ. ބޭރުފުށުން ބޮޑު ޒަހަމެއް ފެންނާން ނެތް ކަމަށާއި އެހެން ނަމަވެސް މަރުވެފައި އޮތް އިރު، ބޯ އޮތީ ޓަބުން ބޭރުގައި ކަމަށެވެ.

މިންހާޖު ވަޅުލާނެ އިރެއް އަދި ނޭނގޭ ކަމަށް ވެސް ވަން އަށް މައުލޫމާތު ދިން ދަރިވަރު ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ހާދިސާއާ ގުޅިގެން، މިސްރުގައި ތިބި ދިވެހި ދަރުވަރުންނަށާއި އާއިލާއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ރެއިން ފެށިގެން ދެމުން އަންނަ ކަމަށާއި މިކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

މިންހާޖު މާލޭގައި ކިޔެވި ސްކޫލު ކަމަށްވާ، އަރަބިއްޔާއިން ދާދި ދެންމެއަކު ވަނީ ތައުޒިޔާގެ ޓުވީޓެއް ކޮށްފަ އެވެ.