ހުޅުމާލޭގައި އަންހެނަކަށް އޭނާގެ ބައްޕަ ވަރަށް ބޮޑަށް އަނިޔާކުރުމުގެ ސަބަބުން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ 21 އަހަރުގެ ދިވެހި އަންހެނަކަށް އޭނާގެ ބައްޕަ ބޮޑެތި އަނިޔާތަކެއް ދިނުމުން، ޓްރީޓޮޕް ހޮސްޕިލަށް ގެންގޮސް އޭނާއަށް ފަރުވާދެމުންދާކަމުގެ ރިޕޯޓް މިއަދު މެންދުރު ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ ޖެންޑާއާ ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ އަންހެން މީހާއަށް ލިބިފައިވަނީ ކޮންކަހަލަ އަނިޔާތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ބައްޕަ ދަރިފުޅަށް އަނިޔާކުރުމުގެ ސަބަބުން އޭނާގެ މޭކަށިގަނޑުގައި ވަނީ ރެނދުލައިފައެވެ. އަދި ކަރަށްވެސް ވަރަށް ބޮޑަށް އަނިޔާ ލިބިފައިވެއެވެ. އޭނާގެ ކަރަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ރަނގަޅަށް ވާހަކަ ނުދެއްކޭ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މިއީ އެ އަންހެން މީހާއަށް އޭނާގެ ބައްޕަ އަނިޔާ ކުރި ފުރަތަމަ ފަހަރު ނޫން ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެގޮތުން އޭނާގެ ބައްޕަ މީގެ ކުރިންވެސް އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އެނގިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު