ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ، އެކަމުގައި ރައީސް ޔާމީނަށް ރިޝަވަތު ދިނުމުގެ ދައުވާ ކޮށްފައިވާ ވ. ފުލިދޫ ހަނދުވަރީގެ ޔޫސުފް ނައީމަށް ވަކީލަކު ހަމަޖައްސަން ކުރިމިނަލް ކޯޓުން މިއަދު 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.

މި މައްސަލައިގައި މިއަދު ބޭއްވީ ޝަރީއަތް ފެށުމުގެ ގޮތުން ބާއްވާ އިބުތިދާއީ އަޑުއެހުންތަކުގެ ތެރެއިން ދައުވާ ލިބޭ ފަރާތްތަކަށް ހައްގުތައް ލިބިދީފައިވޭތޯ ކަށަވަރު ކުރުމާއި ދައުވާއާބެހޭ ލިޔުންތައް ލިބުނުތޯ ބެލުމަށް ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ، ޔޫސުފް ނައީމަށް ކުރާ ދައުވާއާއި އެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާއާ އެކުއެވެ.

އާރަށުގެ މައްސަލައިގައި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައި ވަނީ، މަނީލޯންޑްރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލައިގެ ލިޔެކިޔުންތައް ލިބިއްޖެތޯ، ފެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމާ، އިސްގާޒީ އަހުމަދު ޝަކީލް ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ، ވަކީލަކާ ނުލައި ޖަވާބުދާރީވާން އުޒުރުވެރިވާ ކަމަށެވެ. އަދި ވަކީލަކު ހަމަޖެއްސުމަށް ތިން ހަފުތާގެ މުއްދަތެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އިސްގާޒީ ޝަކީލް ވަނީ ވަކީލަކު ހަމަޖެއްސުމަށް އޭނާއަށް 10 ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ.

ވަކީލަކު ހަމަޖެއްސުމަށް ނައީމަށް 10 ދުވަސް ދެއްވައި، ދައުވާއާ ބެހޭ ލިޔުންތައް ހަމަތޯ ބެއްލެވުމަށް ރައީސް ޔާމީނަށް އިތުރު ވަގުތު ދެއްވުމަށް ނިންމަވައި މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ގާޒީ ވިދާޅުވީ، މިމަހު 13 ވަނަ ދުވަހާއި 27 ވަނަ ދުވަހު މި މައްސަލައިގެ އިތުރު އަޑުއެހުތްތައް ބާއްވަވާނެ ކަމަށެވެ.

އޭގެ ތެރެއިން ފުރަތަމަ އަޑު އެހުމަކީ ލިޔުންތައް ހަމަތޯއާއި ހައްގުތައް އޮޅުން ފިލުވައިދިނުމަށް ބާއްވާ އަޑުއެހުމެއް ކަމަށާއި 27 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީވުން ކަމަށްވެސް ވިދާޅުވިއެވެ.