މިއަހަރުގެ މާޗު މަހުގެ ތެރޭގައި އިންޑިއާގެ ގައުމީ ޓީމުން އެކުވެރިކަމުގެ ދެމެޗެއް ކުޅޭނެ ކަމަށް އިއުލާނު ކޮށްފިއެވެ.

އިންޑިއާއިން ޖެނުއަރީ އަދި ފެބްރުއަރީ މަހު އެކުވެރިކަމުގެ މެޗުތައް ނުކުޅެ މާޗު މަހުގައި ކުޅެން ނިންމާފައި ވަނީ ސީޒަން ނިމުމާއެކު ކްލަބުތަކުން ކުޅުންތެރިންގެ ރިލީސް ހޯދަން ފަސޭހަ ވާނެތީއެވެ. އިންޑިއާއިން މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 23 އަދި 26 ވަނަ ދުވަހުއެވެ.

އިންޑިއާއިން އެކުވެރިކަމުގެ ދެމެޗު ކުޅޭނީ ބަހްރެއިން އާއި ބަލަރޫސްއާ ދެކޮޅަށެވެ. އެ ދެގައުމަކީވެސް އިންޑިއާއަށްވުރެ މަތިން ރޭންކު ކުރެވިފައިވާ ދެގައުމެވެ. ބަހްރެއިން މިވަގުތު ދުނިޔޭ ރޭންކިންގެ 91 ވަނައިގައި އޮތް އިރު، ބެލަރޫސް އޮތީ 94 ވަނައިގައެވެ.

އިންޑިއާ ގައުމީ ޓީމުން އޮކްޓޯބަރު މަހުގައި އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފަހުން އަދި މެޗެއް ކުޅެފައި ނުވާ އިރު، އެގައުމުގެ ގައުމީ ޓީމަށް މެޗުތައް ކުޅެން އޮތް އެންމެ ބޮޑު ހުރަހަކީ ލީގު ބަޔޯ ސެކުއާ ބަބުލްއެއްގައި ކުޅޭ ގޮތަށް އޮތުމެވެ. ކްލަބުތަކުން މިވަގުތު ކަރަންޓީނު އުސޫލާ އެއްގޮތަށް، އެކަހެރިވެ ތަމްރީނުތައް ކުރަމުން އަންނަ އިރު، ސީޒަން ތެރެއިން ގައުމީ ޓީމަށް ކުޅުންތެރިން ފޮނުވުމަކީ ކްލަބުތަކަށް އުނދަގޫ ކަމެކެވެ.

"މިއީ ރަނގަޅު އެކުވެރިކަމުގެ މެޗުތަކަކަށް ވާނެ. އޭޝިއަން ކަޕްގެ ފައިނަލް ބުރުގެ ކޮލިފިކޭޝަނަށް ތައްޔާރުވާން އިންޑިއާ ގައުމީ ޓީމަށް މެޗުތަކުގެ ބޭނުން ހިފޭނެ. މިހާރު ކޮލިފިކޭޝަންގެ ފޯމެޓް އޮތް ގޮތުން ތިން މެޗު ކުޅެން ޖެހެނީ. އެހެންވީމަ ވަރަށް ބޮޑަށް ރަނގަޅު ކުރަން އެބަ ޖެހޭ،" އިންޑިއާ ގައުމީ ޓީމުގެ އޮފިޝަލަކު ބުންޏެވެ.

ކުރިން އޮތް ގޮތުން އޭއެފްސީ ކަޕްގެ ފައިނަލް ކޮލިފިކޭޝަން އޮތީ ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ގޮތަށެވެ. އެހެން ނަމަވެސް ކޮވިޑް 19 ގެ ހާލަތު އޮތް ގޮތުން އޭއެފްސީން ވަނީ މިހާރު އެ މެޗުތައް ސެންޓްރަލައިޒްކޮށް، ރައުންޑް ރޮބިން އުސޫލުން ކުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.