ކައިވެނީގެ މުގައްދަސް ގުޅުމުން ގޮށް ޖަހައިލުމަށްފަހު ކޮންމެ ދެމަފިރިޔަކުވެސް ދެކެމުން އަންނާނެ ހުވަފެނަކީ ދަރިއެއްގެ ހުވަފެނެވެ. ދަރިންނަކީ ލިބޭ ނިއުމަތެކެވެ. މިއަދު މި ރާއްޖޭގައި މި ނިއުމަތުން މަހުރޫމު ވެފައި ތިބި އެތައް ބަޔަކު އެބަތިއްބެވެ. އެއްބަޔަކު ދުވަހަކުވެސް މާބަނޑެއް ނުވެ އެވެ. އަނެއް ބަޔަކު މާބަނޑު ވުމުގެ ނަސީބު ލިބުނު ކަމުގައި ވީނަމަވެސް ވިހެއުމުގެ ތެރޭގައި ނުވަތަ މާބަނޑު އިރު ދިމަވާ ކަމެއްގެ ސަބަބުން އެ ދަރިފުޅު މަރުވަނީ އެވެ.

ބައެއް މީހުން މިކަމާ ވާހަކަ ދައްކަން ޖެހިލުންވެ އެވެ. ނުވަތަ ލަދުގަނެ އެވެ. އެކަމަކު މިއީ ލަދު ގަންނަން އަދި މި ވާހަކަ ދައްކަން ޖެހިލުން ވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. މިއީ އެއަށްވުރެ މާ ސީރިއަސް މައްސަލަ އެކެވެ. ރާއްޖޭގައިވެސް ދަރިމައިވުމުގެ މައްސަލަތައް ދިމާވަނީ މަދެއްކޮށެއް ނޫނެވެ.

ކައިވެންޏަށް އެތައް އަހަރެއްވާއިރުވެސް ދަރިޔަކު ނުލިބުމަކީ ގިނަ މީހުން ދެކޭ ގޮތުގައި "ކަޑަ" ކަމެކެވެ. ބައެއް މީހުން އެފަދަ ކުދިންނާއި ދިމާލަށް ތިއީ މޭވާ ނާޅާ ގަހެކޭވެސް ބުނެއެވެ. ފިރިން އެމީހުންގެ އަނބިން އެކަމާ ހެދި ވަރިކުރާލެއް ވެސް މަދެއް ނޫނެވެ. އެކަމަކު ނުވިސްނެނީ މިއީ ހުރިހާ ފަހަރަކު ހަމައެކަނި އަންހެން މީހާގެ މައްސަލައަކުން ދިމާވާ ކަމެއް ނޫން ކަމެވެ.

މާލެ އަތޮޅު ރަށަކަށް ނިސްބަތްވާ ދެމަފިރިއެކެވެ. އެ ދެމަފިރިންގެ ކައިވެންޏަށް 15 އަހަރުވީއިރު 12 ދަރިން ލިބުނެވެ. އެކަމަކު ނަސީބު ދިމާކުރި ގޮތުން ދުނިޔޭގައި އެންމެ ކުއްޖަކުވެސް ނެތެވެ.

"މި ފަހަރު މިއީ ބަލިވެ އިންނަތާ 12 ވަނަ ފަހަރު. އެކަމަކު މިފަހަރުވެސް ބަނޑަށް ފަސް މަހުގަ ދަރިފުޅާ ވަކިވާން މި ޖެހެނީ. ވަރަށް ހިތްދަތި. ވާ ގޮތެއް ނޭނގޭ. ބޭރަށް ގޮސްގެންވެސް އެތައް ފަރުވާއެއް ކުރެވިއްޖެ." އަސަރާއެކު "ވަން" އަށް އޭނާ ކިޔައިދިނެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ބުނީ މިހާރު އެންމެ ބޮޑަށް ބިރު ގަންނަނީ ފިރިމީހާއާ ވަކިވާން ޖެހިދާނެތީ ކަމަށެވެ. ފިރިމީހާއަކީ ވަރަށް ހެޔޮލަފާ އަޅާލާ ރަނގަޅު މީހެއް ކަމަށާއި ނަމަވެސް އޭނާގެ އާއިލާގެ މީހުން ބޭނުންވަނީ ދަރިން ލިބި، ދަރިން ވިހާ މީހަކާ އިންނަން ކަމަށް އޭނާ ބުންޏެވެ. އަދި މިފަހަރު ދަރިފުޅު ސަލާމަތް ނުވިއްޔާ ވަރި ކުރުމަށް ފިރިމީހާގެ މަންމަ އެދުނު ކަމަށް އެނގިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ހިތާމައެއްގެ މައްޗަށް ހިތާމައެއް. ދެން އުޅެން ޖެހެނީ ވަރަށް ސްޓްރެސްފުލްކޮށް. ގިނަ ފަހަރު ޑޮކްޓަރުން ބުނަނީވެސް ސްޓްރެސް ވީމައޭ އެބޯޓު ވަނީ. ދެން ބުނަނީ އުފެދުމުގަ ހުރި ނުކުޅެދުންތެރި ކަމަކުންނޭ. އެކަމަކު ފިރިމީހާގެ އާއިލާއިން އެކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވޭ. ދެންވެސް އެމީހުންގެ ނުރުހުމާ ކުރިމަތިލައިގެން ހުންނަ އިރު ބަނޑުބޮޑު މިވަނީ. ދެން ވިސްނޭނީ ވިސްނޭނީ. ނުވިސްނަން ހުއްޓަސް ވިސްނޭނީ." އޭނާ ރޮމުން ކިޔައިދިނެވެ.

މިއީ އެންމެ މީހެއްގެ ވާހަކަ އެވެ. މިފަދަ ކިތަންމެ ބަޔަކު އުޅެ އެވެ. އެތައް ފަހަރަކު އައިވީއެފް ހަދައިގެން ކާމިޔާބު ނުވާ އެތައް ބަޔަކުވެސް މި ރާއްޖޭގައި އެބަތިއްބެވެ.

ދަރިމައިވުމުގެ މައްސަލަތައް ދިމާވި އެހެން މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި، އުމުރުން 29 އަހަރު ވީއިރު މިހާރު އިނދެގެން އުޅެނީ ތިން ވަނަ މީހާއާ އެވެ. ފުރަތަމަ ކައިވެންޏަށް ދެ އަހަރު ވީތަނުން ކައިވެނި ރޫޅުނީ އެވެ. އެ ކައިވެނީގައިވެސް ދަރިޔަކު ނުލިބޭ މައްސަލަ ކުރިމަތިވި އެވެ. މައިދައިތަގެ ފަރާތުން އިވުނު ބަހަކީ "މޭވާ ނާޅާ ގަހަކާ" އިނދެގެން އުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. ދެވަނަ ކައިވެންޏެއްވެސް ކުރި އެވެ. އެ މައްސަލަ ކޮންމެވެސް ވަރަކަށް ދިމާވި އެވެ. އެކަމަކު ޑޮކްޓަރަށް ދައްކަން ދާންވެސް ފިރިމީހާ ބޭނުމެއް ނުވި އެވެ. ހަމައެކަނި ޓެސްޓުތައް ހަދަނީ އަންހެންމީހާގެ އެވެ. އެންމެ ފަހުން ކައިވެންޏަށް އަހަރު ވީ ތަނާ ވަރި ކުރީ އެވެ.

ތިން ވަނަ މީހަކު ހަޔާތަށް އައުމަށްފަހު އުފާވެރިކަން ލިބުނެވެ. އެކަމަކު ކައިވެންޏަށް ދެ އަހަރުވުމުން ދަރިއެއްގެ ހުވަފެން ފިރިމީހާވެސް ދެކެން ފެށި އެވެ. އެތައް ޑޮކްޓަރުންނަކަށް ދެއްކި އެވެ. ދިމާވެފައި ހުރި މައްސަލަތައް ދެނެގަނެވުނެވެ. ނަމަވެސް ގިނަ ފަހަރު ޑޮކްޓަރަށް ރިޕޯޓުތައް ދައްކަން ދެވޭ ގޮތެއް ނުވެ އެވެ. އެކަމަކުވެސް އުއްމީދު ކަނޑައެއް ނުލަ އެވެ.

"އަޅުގަނޑަކީ އާންމުކޮށްވެސް ޕީރިއަޑު މައްސަލަ ހުންނަ މީހެއް. ބައެއް ފަހަރު އަހަރަކު ދެ ފަހަރުވެސް ވެދާނެ. އަނެއްބައި ފަހަރު ތިން މަހުން ތިން މަހުން ވެދާނެ. އެކަހަލަ ގޮތަކަށް ދާނީ. ދެން އެހެން ހުއްޓައި ޕީރިއަޑު ނުވެ ތިން މަސް ހިނގައްޖެ. ދެ ފަހަރު ގޭގަ ޕްރެގްނެންސީ ޓެސްޓުވެސް ކުރިން. ނެގެޓިވް ވަނީ. ދެން އެހެން ހުއްޓައި މިދިޔަ އަހަރު ރޯދަ މަހު ފެމިލީ މީހުން ބުނީ ހާދަ ދުޅަވެޔޭ އެބަ. ޓެސްޓު ހަދާބަލާށޭ. ދެން އެހެން އެއް ދުވަހަކު ހެދީ ޓެސްޓު. ހެދި އިރު ޕޮޒިޓިވް. ވަރަށް އުފާވި. އެކަމަކު އޭރު ހުރީ ކޮވިޑަށް ޕޮޒިޓިވް ވެސް ވެފަ. ވަރަށް ބޮޑަށް ކެއްސާ ހެދި. ދެން އޮންލައިންކޮށްވެސް އަނެއްހެން ގޮސްގެންވެސް ޑޮކްޓަރަށް ދައްކާ ހެދިން." ފުރަތަމަ ދަރިފުޅަށް ބަލިވެ އިން ގޮތް ހިއްސާ ކުރަމުން އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ ބަނޑަށް ދޮޅުމަސް ވީތަނާ ކުއްލިޔަކަށް ލޭ ފައިބަން ފެށި ކަމަށާއި ވަގުތުން އިމަޖެންސީއަށް ދިޔަ ނަމަވެސް ދަރިފުޅު ސަލާމަތް ވާނެ ގޮތެއް ނުވި ކަމަށެވެ. އޭރު ދަރިފުޅު ބައިގެން ދިޔައީ ކޮވިޑުގެ ސަބަބުން ކަމަށް ޑޮކްޓަރުން ނިންމި ކަމަށް ބުންޏެވެ. އޭގެ ހަ މަސް ފަހުން ދެވަނަ ދަރިފުޅަށް ބަލިވެ އިން ކަމުގެ އުފާވެރި ހަބަރު ލިބުނު ނަމަވެސް އެ ދަރިފުޅާވެސް ބަނޑަށް ދެ މަހުގައި ވަކިވާން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

"ބަނޑަށް ދެ މަހާ ބައި ގާތްގަނޑަކަށް. ބުނީ ގްރޯ ނުވެޔޭ. ހާޓު ބީޓެއްވެސް ނެތޭ. ވަރަށް ހިތްދަތިވި. ވަރަށް ރުއިން އެ ދުވަހު. ދެން އޭރު ޑޮކްޓަރުން ބުނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުންނޭ އެހެން ވީ. އެފަދަ އެތައް މީހުންނެއް އެދުވަހު ހޮސްޕިޓަލުން ދިމާވި." އޭނާ ކިޔައިދިނެވެ.

މިއީ ވަރަށް ވޭން ހުރި އިހުސާސެކެވެ. ތަފާސް ހިސާބެއް ނެހެދުނު ކަމުގައި ވީނަމަވެސް ރާއްޖޭގެ އާބާދީގެ 30 އިންސައްތަ އަންހެނުންނަކީ މިފަދަ ކަމެއް ތަހައްމަލު ކުރަމުން އަންނަ މީހުންނެވެ. މި ފަހަކަށް އައިސް ޒުވާން އުމުރުގެ ކުދިން މި ބަލީގައި އެތައް ވޭނެއް ތަހައްމަލު ކުރަމުންދެ އެވެ.

ރާއްޖޭގެ މަޝްހޫރު އަންހެނުންގެ ހާއްސަ ޑޮކްޓަރެއް "ވަން" އަށް ވިދާޅުވީ މިފަދަ މައްސަލަ އާންމުކޮށް ދިމާވަނީ ހަށިގަނޑު ހެދި ބޮޑުވެފައި ހުންނަ ގޮތުގެ ސަބަބުން ކަމަށެވެ. އެގޮތުން މިއީ ހަމަ އެކަނި އަންހެނުންނަށް ދިމާވާ މައްސަލައެއް ނޫން ކަމަށާއި ފިރިހެނުންނަށްވެސް މިފަދަ މައްސަލަތައް ދިމާވާ ކަމަށެވެ.

"އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލަ ޕޮލިސިސްޓިކް އޮވަރީގެ މައްސަލަ. ދެން ހޯމޯނަލް އިންބެލެންސް ވެސް. ބައެއް ފަހަރު މާބަނޑުވިޔަސް ދަރިފުޅު ބައިގެން ދިޔުމުގެ ޗާންސެސް އެބަ ހައިވޭ ހޯމޯނަލް އިންބެލެންސްގެ ސަބަބުން. ބަނޑުގައި ދަރިފުޅު އޮންނަ އިރު އުފެދުމުގައި ނެޗުރަލީ ދިމާވާ ނުކުޅެދުންތެރިކަމެއްގެ ސަބަބުންވެސް ބައިގެން އެބަދޭ." އޭނާ ވިދާޅުވި އެވެ.

ސިސްޓު އުފެދުމުގެ މައްސަލައަކީ މިހާރު ޒުވާން ގިނަ އަންހެނުންނަށް ދިމާވާ މައްސަލައެއް ކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ. މިކަން މިގޮތަށް ގިނަ ފަހަރު ދިމާވަނީ ކެއުމުގައްޔާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކަސްރަތާއި ރަނގަޅު ކާނާއާ ދުރުވުމުގެ ސަބަބުން ކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

"ބައެއް ކުދިން ލަދުގަނޭ މިކަހަލަ ވާހަކަ ދައްކަންވެސް. އެކަމަކު އުމުރުން 18 އަހަރު ނުވިޔަސް ވަރަށް ބޮޑަށް އޮވަ ވެއިޓު ވެފަ ތިބި ކުދިން އެބަތިބި. މީހުންނާ އިނދެގެން ނެތަސް ސިސްޓުގެ މައްސަލަ ދިމާވާ ކުދިން ބައިވަރު އެބަ ތިބި. ހަމަ ހެލްތީ ލައިފް ސްޓައިލެއް ގެންގުޅެންވީ. ބައެއް މީހުންނަކީ އެކަމުގެ ސަބަބުން ފަލަވާ މީހުން. އެކަމަކު ގަވައިދުން ކަސްރަތު ކުރުން މިއީ އެންމެ ރަނގަޅު އެއް ކަންތައް." އޭނާ ވިދާޅުވި އެވެ.

އަންހެނުންނަށް ދަރިމައިވުމުގައި ދިމާވާ މައްސަލަތަކުގެ ތެރޭގައި އާދަޔާ ހިލާފަށް ބަރުވުމާއި، އާދަޔާ ހިލާފަށް ލުއިވުމާއި ޖިންސީ ބަލިތަކާއި ހަކުރު ބަލި ހުރުން ހިމެނެ އެވެ. އޭގައި ހާލަތު ގޯސްވާ މީހުންގެ ތެރޭގައި ޕީސީއޯއެސް ހުންނަ މީހުންނާއި ތައިރޮއިޑާއި ހޯމޯން މައްސަލަ އަދި ކިޑްނީ ބަލި ހުންނަ އަންހެނުން ހިމެނެ އެވެ.

ފިރިހެނުންނަށް ދަރިމައިވުމުގެ މައްސަލަ ދިމާވާ ކަންކަމުގެ ތެރޭގައި ޖެނެޓިކް މައްސަލަ ހުންނަ މީހުންނާއި އާދަޔާ ހިލާފަށް ބާރު އެއްޗެހި ލުން ނުވަތަ ހޫނުކޮށް އުޅުމަކީ ވެސް ދަރިން ލިބުމުގެ މައްސަލަތައް ކުރިމަތިވާން ދިމާވާ ސަބަބެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ދެން އޮތީ އެންމެ މުހިންމު އެއް ވާހަކަ އެވެ. އެއީ ދަރިމައިވުމުގެ މައްސަލަތަކަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމާއި ސަރުކާރުގެ އެހީތެރިކަން މިކަމަށް ނުލިބުމުގެ މައްސަލަތަކެވެ. ރާއްޖެއިން މިފަދަ ގިނަ ކަންކަމަށް ފަރުވާ ނުކުރެވޭ އިރު އާސަންދަ އަދި އެންސްޕާއިންވެސް މިފަދަ ބަލިތަކަށް ފަރުވާ ހޯދަން ދާ މީހުންނަށް އެހީތެރިކަން ނުލިބުމަކީ އަބަދުވެސް ކުރަމުންދާ ޝަކުވާ އެކެވެ. ދަރިމައިވުމުގެ މައްސަލަތަކަށް އެހީ ދެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ދާދި ފަހުން ވަނީ ބުނެފަ އެވެ.