ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ކަނޑައެޅި 60 ބިން ހަމައެކަނި މާލެ މީހުންނަށް ވިއްކާ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
އެޗްޑީސީން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެންމެ ފުރަތަމަ ކުރި އިއުލާނުގައި ބީލަމުގެ އުސޫލުން ބިންތައް ވިއްކަން ހުޅުވާލީ ދިވެއްސެއް ނަމަ ކޮންމެ މީހަކަށްވެސް ބިން ގަނެވޭ ގޮތަށެވެ.
ނަމަވެސް އެޗްޑީސީން މިދިޔަ ބުރާސްފަތި ދުވަހު އުސޫލަށް ގެނައި ބަދަލުގައި ބުނަނީ، ބިންތައް ގަނެވޭނީ މާލޭގައި ރަޖިސްޓްރީ އޮތް މީހުންނަށް ކަމަށެވެ.
- • މާލޭގައި ރަޖިސްޓްރީވެފައިވާ ރައްވެއްސަކަށްވުން
- • މީލާދީ ގޮތުން 18 އަހަރު ފުރިފައިވުން
- • މާލޭ ސަރަހައްދުން ދިރިއުޅުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާ މީހަކަށް ނުވުން
- • މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް އެކަކަށް ވުރެ ގިނަ މީހުންގެ ނަމަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން
- • އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން
އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން، ދެވަނަ ފިޔަވަހިން ވިއްކަން ހުޅުވާލާފައި ވަނީ 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ 60 ބިމެކެވެ. އެއީ ބީޗް ފްރޮންޓު ސައިޑުން 26 ގޯއްޗާއި ބީޗު ސައިޑުން 34 ގޯއްޗެވެ.
ބިން ގަތުމަށް ބީލަން ހުށަހެޅުން އޮންނާނީ ނުވައެއް ފެބްރުއަރީ އަދި 16 ފެބްރުއަރީގައެވެ. އަދި ބީލަމަށް ހުޅުވާލުން ވެސް ހަމަ އެ ދެދުވަހު އޮންނާނެ ކަމަށާއި ބީލަން ފޮތް ގަތުމާއި މައުލޫމާތު ސާފުކުރުމުގެ މަރުހަލާ އީމެއިލް މެދުވެރިކޮށް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ބީޗް ފްރޮންޓާއި ބީޗް ސައިޑުގެ ބިންތަކަށް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރެޓީ ގޮތުގައި 320،000 ނަގާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު