މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތަކާއި ޕާކުތަކުގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓްގައި ބުނީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ފަށާފައިވާ ކަމަށެވެ. މި ޕްރޮގުރާމަކީ މާލެ ސިޓީ ފެހި ކުރުމުގެ ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މާލެ ފެހިކުރުމުގެ ގޮތުން މަގުތަކާއި ޕާކުތަކުގައި އަނބުގަހާއި ސައްކެޔޮގަހާއި ހިތިގަހާއި އަދި ދަނބުގަސް އިންދަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.
މި ޕްރަގްރާމްގެ ދަށުން މިއަދު 150 ގަސް އިންދާނެއެވެ. މަޖީދީ މަގު ހިމެނޭ ގޮތަށް ފުރަތަމަ އިންދާ 150 ގަހުގެ ތެރެއިން 65 ޕަސަންޓް ގަހަކީ އަނބު ގަހެވެ.
އަމީނީ މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތުގެ ކުރިމަތީގައި އަނބުގަހެއް އިންދައި މި ޕްރޮގުރާމް ފައްޓަވައިދެއްވީ ސިޓީ ކައުންސިލަށް އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ މުވައްޒަފު ކަމަށްވާ، ސީނިއާ އެގްޒެކެޓީވް އޮފިސަރު އަބްދުﷲ ރަމީޒެވެ.
މާލެ ސިޓީ ކައުންސިލްގެ މިދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމު ހިމަނައި އެކަމަށް ބޭނުންވާ ގަސްތައް ގެނެސްފައި ވަނީ އަތޮޅު ތެރޭގެ ބައެއް ރަށްރަށުގެ އިތުރުން ރާއްޖެއިން ބޭރުންނެވެ. އޭގެ ތެރޭގައި ސްރީ ލަންކާ، އިންޑިއާ، ބަންގްލަދޭޝް އަދި ތައިލޭންޑުން ހިމެނެއެވެ.
ގަސްތައް ބެހެއްޓުމަށް ކާނިވާ ސަރަހައްދުގައި ހާއްސަ ނާސަރީއެއް ހެދުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.
ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ 100،000 ގަސް އިންދުމުގެ މި ޕްރޮގްރާމުގެ ދަށުން މުޅި އަހަރަށް ބަލާއިގެން އެކި ދުވަސްތަކުގެ މަތިން މަގުތަކާއި ޕާކުތަކުގައި ގަސްތައް އިންދަން ވަނީ ރާވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު