މ. ދިއްގަރުން، އަލީ ޔާމީން - ވަން އޮންލައިން

މިރަށަކީ މުޅި ރާއްޖެއަށް މަޝްހޫރު ދިއްގަރު ރިހާކުރުގެ ރަށެވެ. މަސްވެރިކަމަށް ރާއްޖޭގައި އެންމެ ނަން ހިނގާ އެއް ރަށެކެވެ. ރިހާކުރު ކެއްކުމުގައި އެފަދަ ދެވަނައެއް ނެތް ރަށެކެވެ. އާބާދީގައި 1،435 މީހުން ރަޖިސްޓްރީވެފައިވާ މިރަށުގެ 70 ޕަސަންޓް ޒުވާނުން ވަޒީފާ އަދާކުރަނީ ރިސޯޓުތަކުގައެވެ. ރަށުގައި ތިބޭ ބައެއް ޒުވާނުންނާއި ހަރުއުމުރުގެ މީހުން ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމެވެ.

މި ރަށް މަޝްހޫރީ ހަމައެކަނި މަސްވެރިކަމަކަށް ނޫނެވެ. މެހެމާންދާރީ އަދާކުރުމުގައިވެސް މިއީ ދެވަނައެއް ނެތް ރަށެކެވެ. ސަގާފީ ކުޅިވަރުތައްވެސް އޭގެ އެންމެ ގަދީމީ ގޮތުގައި މިއަދާ ހަމައަށްވެސް މިރަށުގައި ދެމި އެބައޮތެވެ. މިހުރިހާ ކަމަކާއެކު މިރަށަށް އަންނަ ކޮންމެ މީހަކަށްވެސް ލިބެނީ ބޮޑު ހިތްހަމަޖެހުމެކެވެ. މިރަށަކީ މީގެ ކުރިން ފަތުރުވެރިކަން އެއްވެސް ވަރަކަށް ނެތް ރަށެކެވެ. ނަމަވެސް، ދަތުރުވަރީގައި ރަށަށް ޒިޔާރަތްކުރާ މީހުންނަށް ހިނިތުންވުމާއެކު މިރަށުގެ މީހުން އަދާކުރާ މެހެމާންދާރީއަކީ، ބަޔާންކޮށްދޭން އުނދަގޫ ފުރިހަމަ މެހެމާންދާރީއެކެވެ.

މިރަށުން އަދާކުރާ ފުރިހަމަ މެހެމާންދާރީގެ ނަތީޖާއަކަށްވީ، ފަތުރުވެރިކަމުގެ އެންމެ ބޮޑު އަދި އާ އެއް ޕްރޮޖެކްޓް ކަމަށްވާ "ހޯމް ސްޓޭ ޓޫރިޒަމް" މިރަށުގައި ތައާރަފު ކުރަން ނިންމުމެވެ. ޓޫރިޒަމް މިނިސްޓްރީގެ އެ ނިންމުމުގެ ސަބަބުން މިރަށުގެ ރައްޔިތުންނަށް ލިބުނީ ބޮޑު އުފާވެރިކަމެކެވެ. މިރަށަކީ، ފަތުރުވެރިކަމުގެ ސިނާއަތުގެ މަތީ ފަޑީގައި ހަރަކާތްތެރިވާ ތަޖުރިބާކާރު އެތައް ބަޔަކު ނިސްބަތްވާ ރަށެކެވެ. އެހެންވެ، މި ރަށުގައި ފަތުރުވެރިކަމުގެ އާ މޮޑެލް، ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން މިރަށުގެ ކައުންސިލަށްވެސް އޮތެވެ.

"ހޯމް ސްޓޭ ޓޫރިޒަމް" މި ރަށުގައި ފެށުމަށް ހަމަޖައްސާފައިވަނީ ރަށުގެ އެންމެ ދެކުނުގައި ޒަމާނީ ފެންވަރަށް ހަދާފައިވާ "މޫރިތި"ގެ އިންނެވެ.

މީގެ ހަތަރު އަހަރު ކުރިން މޫރިތިގެ ޒަމާނީ ފެންވަރަށް ހެދިނަމަވެސް އެ ގެ ގިނައިން ހުންނަނީ ހުހަށެވެ. ދަތުރުވަރެއްގައި އަންނަ މީހުން އަގު ދީގެން އެގޭގައި މަޑުކޮށްލައެވެ.

މޫރިތި ގޭގެ ވެރިފަރާތް، މުހައްމަދު އަހުމަދުގެ އެންމެ ބޮޑު އެއް ހުވަފެނަކީ، ފަތުރުވެރިކަން މިރަށަށް ތައާރަފުވެގެން ދިއުމެވެ. ދިވެހީންނަށް ކުއްޔަށް ދޭ ކޮޓަރިތަކަށް، ފަތުރުވެރިން ގެނެސް ރަނގަޅު އާމްދަނީއެއް ހޯދުމެވެ. ނަމަވެސް މަސްވެރިކަން ކުރާ، މުހައްމަދުގެ އެ ހުވަފެނުގައި ތަޅު އެޅުވިގެން ދިޔައީ، ގެސްޓްހައުސް ގަވައިދަށް އެގެ އޭރު ނުފެތުމުންނެވެ.

މޫރިތިގޭގެ ވެރިޔާ މުހައްމަދަށް މިއަދަކީ ބޮޑު ދުވަހެކެވެ. އެއީ ރާއްޖޭގައި މުޅިން އަލަށް "ހޯމް ސްޓޭ ޓޫރިޒަމް" ފަށާނީ އޭނާގެ މޫރިތި ގެއިން ކަމަށް ވާތީއެވެ. ޖާގަ ތަނަވަސް ވެންޓިލޭޝަން ރަނގަޅު ތިންކޮޓަރި ހިމެނޭ އެގެއަށް ފުރަތަމަ އަންނަން ހަމަޖައްސާފައިވަނީ އެމެރިކާގެ ދެމެފިރިއެވެ. އެ ދެމެފިރިންނާއެކު، އދ.އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ކެތުރިން ހެސްވެލްވެސް މޫރިތިގޭގެ މޫރިތިކަން ތަޖުރިބާކޮށްލައްވާނެއެވެ.

މިރަށުގައި ފަތުރުވެރިކަން ތައާރަފުވެގެން ފަތުރުވެރިން މިރަށަށް ގެނައުމަކީ އަބަދުވެސް އަހަރެން ދެކެން ބޭނުންވި ދުވަހެއް. އަހަރެންގެ އަމިއްލަ ގެއިން މިކަން ފެށޭނީ، މިއީ ލިބޭ ވަރަށް ބޮޑު ފަހުރެއް. ވަރަށް އުފާވާ ކަމެއް މިއީ. އުންމީދަކީ މިރަށުގައި ފަތުރުވެރިކަން ކުރިއަރައިގެން ދިއުން" މުހައްމަދު ބުންޏެވެ.

މުހައްމަދު ބުނި ގޮތުގައި، މޫރިތިގެ ޒަމާނީ ފެންވަރަކަށް އޭނާ ހެދީ، މުސްތަގުބަލުގެ ފަތުރުވެރިކަން ވިސްނުމުގައި ބަހައްޓައިގެންނެވެ. މޫރިތިގޭގެ އެންމެ ހާއްސަ ކަމަކީ، އެގޭގެ ވަށާ ފާރެވެ. ރިޔަލެއްގެ ސިފަ ޖެހޭ އެ ވަށާ ފާރުން ދައްކުވައިދެނީ، މަސްވެރިކަމަށް މުހައްމަދުގެ ހިތުގައި އޮތް ލޯތްބެވެ. ވަރުނީސްލައި ޖަރީކޮށްފައިވާ ދޮރާށިން ގޭގެ އެތެރެޔަށް ވަންނައިރު، ލިބެނީ ހިތްހަމަޖެހުމެވެ. އަކިރިން މުޅި ގޯތިތެރެ ވަނީ ދިވެހިވަންތަ ކޮށްފަ އެވެ.

މޫރިތިގޭގައި ހުރިހާ ފަރުނީޗަރާއެކު ތިން ކޮޓަރިއާއި ހަތަރު ފާހަނާ އާއި ބަދިގެއަކާއި އެގާރަ ފޫޓުގެ ސިޓިން ރޫމެއް އެބަހުއްޓެވެ. ހުރިހާ ކޮޓަރިއެއްވެސް ވަނީ، އެއާކަންޑިޝަން ކޮށް، ވައިފައި ލިބޭނެ ގޮތް ހަމަޖައްސާފައެވެ. ރަށްފުށު ދިރިއުޅުމެއް ތަޖުރިބާކޮށްލުމަށް އަންނަ ބަޔަކަށް ހިތްހަމަޖެހިލައިގެން ދުވަސްތައް ހޭދަކޮށްލެވޭނެ ހުރިހާ ކަމެއް މޫރިތިގޭގައި އެބަހުއްޓެވެ.

"ހޯމްސްޓޭއަށް މިގެ ބަރާބަރަށް ފެތޭނެ. މިގޭގައި ހޯމްސްޓޭ ފެށިގެން ކާމިޔާބުކަމާއެކު ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް، މިގޭގެ ހޯމްސްޓޭއާ ބެހޭ ކަންކަން ބަލަހައްޓާނީ އަހަރެންގެ ދޮރީ ފިރިހެން ދަރިފުޅު. އޭނައަކީ ރިސޯޓުގައި ވަޒީފާ އަދާކުރާ މީހެއް" މުހައްމަދު (45 އަހަރު) ބުންޏެވެ.

ހޯމްސްޓޭ ޓޫރިޒަމް މި ރަށުގައި މިއަދު ފަށާއިރު، މި ރަށް އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ރަށުގެތެރެ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާ ކިޔައި، ފަތުރުވެރިކަމުގެ އާ ދޮރު، މޫރުތިގެއިން ހުޅުވާލުމަށް މިރަށުގެ ރައްޔިތުން މިހާރު ތިބީ ކެތްމަދުވެފައެވެ.