އާ އަހަރަށް ތައްޔާރުވުމުގެ ފޯރި މުޅި ގައުމުގައި ހިފާލައި އެއްބަޔަކު ޝޯބަލަން ދިޔުމުގެ ތައްޔާރީތައް ވަމުން އައި އިރު އަނެއް ބަޔަކު އައީ ހަވާ އެރުވުމުގެ ހަރަކާތް ބަލަން ދިޔުމުގެ ތައްޔާރީތައް ވަމުންނެވެ. ކުއްލިޔަކަށް ލިބުނު ހަބަރުން ހދ. ކުމުންދޫ ރައްޔިތުން ރޮވައިލިއެވެ.

މާލެ އަތޮޅު ގާފަރު ކައިރިއަށް ބޯވަ ނަގަން ފޭބި އުމުރުން 21 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދާ ކަމުގެ ހަބަރާއެކު މުޅި ގައުމުވެސް ސިއްސުވާލި އެވެ. ގެއްލިގެން ހޯދަމުން އަންނަނީ ކުމުންދޫއަށް އުފަން އެރަށު އަރާއިރު، ޝުރޭހު ހަސަން ކަން އެނގުނީ އޭނާ ގެއްލިގެން ހޯދަމުންދާތާ އެތައް އިރެއް ވީ ފަހުންނެވެ.

ކުމުންދޫ ކައުންސިލް ރައީސް އަމީން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، ޝުރޭހު ގެއްލުނުކަން ކައުންސިލަށް އެންގީ އެމްއެންޑީއެފުން ކަމަށެވެ. އަދި އެއިރު އާއިލާއަށްވެސް އެކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ކުޑައިރުއްސުރެން ފެށިގެން ޝުރޭހު އަކީ މާލޭގައި ދިރިއުޅޭ މީހަކަށް ވުމުން އޭނާއާ ބެހޭ މާގިނަ މައުލޫމާތެއް އަމީނަކަށް އެނގިވަޑައެއް ނުގަނެއެވެ.

ޝުރޭހުގެ މަންމަ އާމިނަތު އާދަމް އަށް "ވަން" އިން ގުޅުމުން ފުރަތަމަވެސް އެހީ "މަގޭ ޝުރޭހުގެ ހަބަރެއް ވީހޭ. ދައްތައަކަށް އަދި ހަބަރެއް ނުވެޔޭ." މިހެންނެވެ.

"އަދި ނޭނގެ އެކުއްޖާ ވީތަނެއްވެސް. އާންމުކޮށް ބޯވަ ނަގަން ދާ ކުއްޖެއްވެސް ނޫން އެއީ. ދޭތެރެއަކުން މަސްބާނަން މިހެން ގޮސްލާނެ. އެވަރަކަށް ވަގުތު ވާ ކުއްޖެއްވެސް ނޫން އެއީ. ވަޒީފާގަ އުޅެމުން ކިޔަވަމުންދާތީ ނުވާނެދޯ ވަގުތެއް. އެކަމަކު ދެން އިއްޔެ ދިޔައީ ރައްޓެހި ކުދިންތަކަކާއެކު ކަމަށްވަނީ." ހާދިސާ ހިނގައި ދިޔަ ގޮތް ހިއްސާ ކުރަން ފަށަމުން އޭނާ ބުންޏެވެ.

ޝުރޭހު ދިރިއުޅެމުންދިޔައީ ވިލިމާލޭގަ އެވެ. އެއީ އޭނާ ވަރަށް ކުޑައިރުއްސުރެން މާލެ ގެނެސް ކިޔަވައިދީ ބަލައި ހަދާ އާއިލީ ރައްޓެއްސެއްގެ ކައިރީގަ އެވެ. އާމިނަތު ބުނީ އެގޭ މީހުން ދެކޭ ގޮތުގައި ޝުރޭހު އަކީ އެމީހުންގެ އަމިއްލަ ދަރިއެކެވެ. މިވަގުތު އެގޭ މީހުން ބެންކޮކުގައި ތިބުމުން ގޭގައި ހުރީ ޝުރޭހު އެކަންޏެވެ.

"އިއްޔެ މިހެން އުޅެނިކޮށް މީހަކު ގުޅާފަ ބުނީ ޝުރޭހު އެއުޅޭ ގޭގެ ބޭބެ ބުންޏޭ ވަރަށް އަވަހަށް ވައިބާއިން ގުޅާލަބަލާށޭ. ތިމަންނާ ވަރަށް ގުޅައިފީމޭ އެކަމަކު ފޯނެއް ނުނަގައޭ. އެހެން ބުނީމަ އަޅުގަނޑު ގޮސް ގުޅީ. ގުޅި އިރު ބޭބެ ރޯވަރުން އަނގައިންވެސް ނުބުނެވި ހުރީ. ގޭތެރެއިންވެސް އިވޭ ރޯއަޑު. ދެން ވީ ގޮތް ބުނެބަލާށޭ ބުނީމަ ބުނީ، ވަރަށް ދެރަ ކަމެއް ވެއްޖެޔޭ. ޝުރޭހު ކަނޑަށް ގެއްލިއްޖެޔޭ ބޯވަ ނަގަން ގޮސް އުޅެނިކޮށް. ދެން އަޅުގަނޑު ހީކުރީ ސަމާސާއެއް ކަމަށް. އެ ބޭބެ ވަރަށް ޖެއްސުމަށް ވާހަކަ ދައްކާނެ. ވަރަށް ސަމާސާ ކުރާނެ. ދެން އަޅުގަނޑު ބުނީ ސަމާސާ ނުކުރާށޭ. ބުނީމަ ބޭބެ ބުނީ ސަމާސާއެއް ނޫނޭ. އެމްއެންޑީއެފުން ބޭބެއަށް ގުޅާފަ ބުންޏޭ އެހެން. ދެން އެންމެން ރޯތީ ގަބޫލު ކުރެވުނީ. އޭގެ ފަހުން އެހެން މީހަކުވެސް ގުޅާފަ ބުނި." ރޮމުން އޭނާ ކިޔައިދިނެވެ.

އާމިނަތު ކިޔައިދިން ގޮތުގައި އެވަގުތު އޭނާ އަށް ވީ ގޮތް ބުނެދޭންވެސް ނޭނގެ އެވެ. އަދި އެވަގުތު ހަނދާނަށް އައީ މިދިޔަ ބުރާސްފަތި ދުވަހު ޝުރޭހު ގުޅައިގެން ދެއްކި މަޖާ ވާހަކަތަކެއް ކަމަށެވެ.

"މިދިޔަ ބުރާސްފަތި ދުވަހު އެންމެ ފަހުން ގުޅީ. އާންމުކޮށް ހެނދުނު 7:00 ޖަހާއިރު ޝުރޭހު ގުޅާނެ. އެކަމަކު އިއްޔެ ނުގުޅާ. ނުހޭލެވުުނީ ކަމަށް ހިތައި ހުއްޓާ ގެއްލުނު ހަބަރު މި ލިބުނީ. އަޅުގަނޑުގެ 10 ކުދިން ތިބި ިއރު އެއީ ފަސް ވަނަ ކުއްޖާ. ދެވަނަ ފިރިހެން ދަރިފުޅު އެއީ. އަޅުގަނޑަކީ ބަލި މީހެއް. ޝުރޭހު ބައްޕަ ވަރަށް ފަހުން ލޯފަންވީ. ޑޮކްޓަރަށް ދެއްކުމާ ހުރިހާ ކަމެއްގަހެން އުޅޭނީ މަގޭ ޝުރޭހު. އެކުއްޖާ ގެއްލުނު ފަހުން މިގޭ އެކަކަށްވެސް ކާއެތިކޮޅެއް ނުކެވޭ. އެ ހަބަރު އިވުނު ފަހުން އޭނަގެ ބައްޕަގެ ހާލު ދެރަވެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ކުޅުދުއްފުށީ ހޮސްޕިޓަލަށްވެސް ފަރުވާއަށް ދާން ޖެހުނު. މިހާރު ގެއަށް ދޫކޮށްލިޔަސް ކާއެއްޗެއް ނުކައި. ރޮއެ ރޮއެ އެންމެން ތިބީ. ކިހިނެއް ކާނީވެސް. އެއީ އެންމެނާ ސަމާސާކޮށް އެންމެނާ ގުޅިގެން އުޅޭ ކުއްޖާ." ސުރޭހުގެ މަންމަ ރޮމުން ރޮމުން އޭނާ ކިޔައިދިނެވެ.

އާމިނަތު ވަނީ ޝުރޭހު ގެއްލުމުގައި އޭނާ އާއެކު ދިޔަ ދެމީހުންގެ އަތެއްވާނެ ކަމަށް ތުހުމަތު ކޮށްފަ އެވެ. އެގޮތުން އިއްޔެ ޝުރޭހު އާއެކު ބޯވަ ނަގަން ދިޔަ ދެ މީހުންވެސް އެކި ގޮތްގޮތަށް އެވާހަކަ ކިޔައިދޭ ކަމަށާއި އެކަން ހިނގައި ދިޔަގޮތް ސާފުކޮށް އެނގެން ބޭނުން ވާ ކަމަށް ބުންޏެވެ.

"އަޅުގަނޑު ދެން ޝުރޭހު އާއެކު ދިޔަ ދެ މީހުންނާ ވާހަކަ ދައްކާލީމަ ފުރަތަމަ ބުނީ، ބޯވަ ނަގަން ފައިބައިފަ އެތާ ގަލެއްގެ މަތީގަ އިންދާ އައި އޮއިގަނޑެއްގަ ތިން މީހުން އެއްކޮށް ދަމައިގަތީއޭ. އެހެން އުޅުމުގަ ޝުރޭހު ގެއްލުނީއޭ. ދެން ބުނީ ބޯވަ ނަގަން އުޅެނިކޮށް ބާރު އޮއިގަނޑެއް އައޭ. ދެން ޝުރޭހު އޮތީ ދަގަނޑުގަ ހިފަހައްޓައިގެންނޭ. އެހެން އޮއްވާ ވީ ގޮތެއް ނޭނގުނޭ. ފަހުން ޝުރޭހު ބައްޕަ ފަރާތު ބޭބެއަށް އެމީހުން ކިޔައިދިން ގޮތުގައި އެ ތިން މީހުންވެސް ތިބީ 10 ފޫޓު ފުން މިން ހުއްނަ ހިސާބެއްގަ. އެކަމަކު އެގަޑީގަ އެންމެންވެސް މެޔާ ހަމަޔަށޯ އެރިގެން ތިބީ. އެހެން އޮއްވާ ވީކަމެކޭ އެއީ. މި މީހުންގެ ވާހަކަތައް ދިމާނުވާތީ އަޅުގަނޑު ގަބޫލު ކުރަނީ ޝުރޭހު ގެއްލުވާލުމުގަ އެމީހުންގެ އަތެއްވެޔޭ." އޭނާ ބުންޏެވެ.

އާމިނަތު ބުނީ ބެންކޮކުގައި ތިބި ޝުރޭހު ދިރިއުޅޭ ގޭގެ މީހުން އައުމުން މިކަން ހިނގައިދިޔަ ގޮތް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ. އަދި މިހާރުވެސް ޝުރޭހު އާއެކު ދިޔަ މީހުން ހަގީގަތާ އެއްގޮތަށް ކަން ހިނގައިދިޔަ ގޮތް ކިޔައިދިނުމަށް އޭނާވަނީ ވަރަށް އާދޭހާއެކު އެދިފަ އެވެ.

ޝުރޭހު ގެއްލުނީ ގުޅިފަޅު ކައިރިން ބޯވަ ނަގަން ފައިބައިގެން އުޅެނިކޮށް އިއްޔެ ހެނދުނު 8:58 ހާއިރު އެވެ. ޝުރޭހު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރަމުން އަންނައިރު ރޭގެ ނިޔަލަށް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ޑައިވްކޮށްގެން 55،000 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައެވެ. އަދި ސްނޯކްލިން ކޮށްގެން 36،000 އަކަމީޓަރުގެ ސަރަހައްދެއް މިހާތަނަށް ވަނީ ބަލައިފައެވެ.