ކަންދެއްކުމަކީ ސާލިހު އަމަލުތައް ހަރާބު ކުރާ ވައިރަހެއް ކަމަށާއި އެ ވައިރަސް މަރާލުމަށް ބޭނުންކުރަންޖެހޭ ވެކްސިނަކީ އިހުލާސްތެރިކަން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ހެޔޮ އަމަލު ކުރުމުގައި އިހުލާސްތެރިވުން" މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ﷲ ތައާލާ ވަހީ ކުރައްވާފައިވާ އާޔަތްތަކުން އެނގޭ ގޮތުގައި އެކަލާނގެއާ ޝަރީކު ކުރުމަކީ އެންމެ ބޮޑު ފާފައެއް ކަމަށާއި އަޅުކަންތައް މާތް ﷲއަށް ހާސިލް ނުކޮށް، އެއީ ސައްހަ އަޅުކަމަކަށް ނުވާނެ ކަމަށެވެ.
ކުރާ ހެޔޮ އަމަލުތަކުގެ ސަވާބުނެތިކޮށްލާ ކަންތައްތަކުގެ ތެރޭގައި ކަންދެއްކުންފަދަ ކުޑަ ޝިރްކުވާކަން ފާހަގަކޮށް ހުތުބާގައި ބުނީ، ލޮބުވެތި ރަސޫލާ އެކަލޭގެފާނުގެ ސަހާބީންނަށް ކަންދެއްކުމާ ދުރުހެލިވެ ވަޑައިގަތުމަށް ނަސޭހަތް ދެއްވި ކަމަށެވެ. އަދި ކަންދެއްކުމުގެ ތެރެއަށް ވަޑައިނުގަތުމަށް އިރުޝާދު ދެއްވި ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، އަމިއްލަ އެދުންތައް ބޮޑުވެ، މަދަހަ ތާރީފުކުރުމަށް ލޯބި ކުރެވުނު ވަރަކަށް އިހުލާސްތެރިކަމުގެ ބައްތި ކަނިވަމުންދާނެ ކަމަށެވެ. އަދި ފަހުރުވެރިވުމަށާއި މަޝްހޫރުވުމަށް ލޯބި ކުރެވުނު ވަރަކަށް އިހުލާސްތެރިކަން ފަނޑުވަމުންދާނެ ކަމަށާއި ކުރާ ރަނގަޅު އަމަލުތައް، ނުބައި އަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުން ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، މާތް ﷲ ވަހީ ކުރައްވާފައިވާ ގޮތުގައި ކަންދެއްކުމަކީ މުނާފިގުންގެ ސިފައެއް ކަމަށާއި ކަންދެއްކުމަކީ ރަނގަޅު ސާލިހު އަމަލުތައްވެސް ފާސިދުވެގެންދާ ކަމެއް ކަމަށެވެ. އަދި ކަން ދެއްކުމަށް ކުރާ ނަމާދަކީ ސަވާބުގެ ބަދަލުގައި އެއިން އަޒާބު ލިބޭ އަމަލެއް ކަމަށާއި އެހެނީ އިހުލާސްތެރި ކަމެއް ނެތި ކުރެވޭ ނަމާދަކީ އޭގައި ފުރާނައެއް ނެތް މައްޔިތެއް ފަދަ އަޅުކަމެއް ކަމަށް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ، ގިޔާމަތް ދުވަހުން އެންމެ ފުރަތަމަ ނަރަކައަށް ވައްދަވާނީ ކަންދައްކާ މީހުން ކަމަށެވެ. އަދި އެއީ ޝައިތާނާގެ ދޮރޯއްޓެއް ކަމަށާއި އެއީ ސާލިހު އަމަލުތައް ހަރާބު ކުރާ ވައިރަހެއް ކަމަށްވެސް ބުންޏެވެ. އަދި އެ ވައިރަސް މަރާލުމަށް ބޭނުންކުރަންޖެހޭ ވެކްސިނަކީ އިހުލާސްތެރިކަން ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު