މާލޭގެ މެދުން ކާރުބާރުބޮޑު މަޖީދީމަގެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން ހުރަސްކޮށް, މަގުގެ އިރަށްވާ ގޮތަށް އޮތީ އެމަނިކުފާނުގެ ކާރުކޮޅެވެ. ދެ ފަޅީގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ވެހިކަލްތައް އޮތެވެ. އޭރު ރަށުން ބޭރުގައި އޮތް ހަފުލާއަކަށް ވަޑައިގަތުމަށް ރައީސް ނަޝީދުގެ ގެކޮޅުން ނުކުމެވަޑައިގެން ހިންގަވާފައި ކާރާ ދިމާލަށް ވަޑައިގަންނަވަނީއެވެ. ކައިރީގައި އެމަނިކުފާނުގެ ސެކިއުރިޓީން ތިއްބެވެ. ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް, ކުއްލިއަކަށް އިވުނީ ބާރު އަޑެކެވެ. އެއްޗެއް ގޮއްވާލީއެވެ. އޭގެ ސަބަބުން އެމަނިކުފާނު އަނިޔާތަކެއް ވެގެން ވެއްޓިވަޑައިގަތެވެ. ވަގުތުން ހޮސްޕިޓަލަށެވެ.

މިއީ 6 މެއި 2021 ވަނަ ދުވަހު ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ދިން ވަގުތެވެ. ފަހުގެ ތާރީހުގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ވާހަކަތައް ފެށުނު ގޮތެވެ. މިއަހަރުގެ ތެރޭގައި ހިނގި އެންމެ ބިރުވެރި ހާދިސާގެ ކުރު ޓައިމްލައިންގެ ފެށުމެވެ.

  • • ރައީސް ނަޝީދަށް ދިން ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީއާއި އިގުތިސާދަށް ދިން ހަމަލާއެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި.
  • • ހަމަލާއާ ގުޅިގެން ފުލުހުން ނޫސް ބަޔާނެއް ނެރުނު. ބުނީ, ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ކަމަށް. އަދި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ދެ ބޭފުޅަކާއި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި އިނގިރޭސި ފަންނީ 2 ބޭފުޅެއްގެ އެހީތެރިކަން ތަހުގީގަށް ފޯރޮކޮށްދެމުންދާ ކަމަށްވެސް ބުނި.
  • • ރައީސް ނަޝީދުގެ އެންމެ ފަހުން ފެށި ސާޖަރީ ނިމުނު ކަމަށް އާއިލާއިން ހާމަކުރި. އަދި އޮތީ ސީސީޔޫގައި ކަމަށާއި ހާލު ސީރިއަސް ކަމަށްވެސް ބުނި.
  • • ނަޝީދުގެ ހާލުކޮޅާ ގުޅޭ ގޮތުން އޭޑީކޭން ފުރަތަމަ ފަހަރަށް މައުލޫމާތު ދިން. ބުނީ, ރައީސް ނަޝީދު އޮންނެވީ އައިސީޔޫގައި ކަމަށް. އަދި 16 ގަޑިއިރުގެ ތެރޭގައި އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމަށް ބޮލަށާއި މެޔަށް, ބަނޑަށް އަދި އަތަށާއި ފަޔަށް ލިބިފައިވާ ޒަހަމްތަކަށް ސާޖަރީތައް ހެދި ކަމަށް. އަދި ބުނީ ހާލު އަދިވެސް ކްރިޓިކަލް ކަމަށް
  • • ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާގައި ކަން ހިނގި ގޮތް އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުالله ޝަމާލް ފުރަތަމަ ފަހަރަށް ކިޔައިދެއްވި. އޭނާ ސިފަކުރެއްވި ގޮތުގައި, ރައީސް ނަޝީދަށް ދިނީ ފުރާނައަށް ގެއްލުންވާހާ ބާރުގަދަ އަދި ނުރައްކާތެރި ހަމަލާއެއް. އަދި ގޮއްވާލި އައިއީޑީގެ ބާރު, 2007ގައި ސަލްޓަންޕާކުގައި ގޮއްވާލި އައިއީޑީއަށްވުރެ އެތައް ގުނައެއް ބާރުގަދަ ކަމަށް ވިދާޅުވި.
  • • ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކުރި. އެއީ މއ. ފޭރުގެ/ މުޖާޒް އަހުމަދު, 21އ. އާއި ގއ. ކޮނޑޭ/ ފޮޅޭމާ, ތަހުމީން އަހުމަދު, 32އ. ދެމީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ ހަރުކަށިފިކުރުގެ ވިސްނުން ގެންގުޅޭ ދެ މީހުން ކަމަށް ފުލުހުން ބުނި.
  • • ގޮއްވާލި ވަގުތު އަތަމާ ޕެލެސް ކުރިމަތީގައި ހުރި މީހަކު ހޯދަން އާންމުންގެ އެހީއަށް އެދުނު
  • • ރައީސް ނަޝީދަށް ލިބިވަޑައިގެން ޒަހަމްތަކުގެ ތަފުސީލު ހާމަކުރަން އޭޑީކޭ ޑޮކްޓަރުންގެ ޓީމުން ޕްރެސް ކޮންފަރެންސެއް ބޭއްވި. ޑޮކްޓަރުން ވިދާޅުވި ގޮތުގައި, ފުރާނައަށް ނުރައްކާވާ މިންވަރަށް ހަށިގަނޑަށް ވަދެފައި ހުރި ރޭޒާ ފުއްތައް ނެގުމަށް 16 ގަދިއިރުގެ އޮޕަރޭޝަންތައް ކުރަން ޖެހުނު. ބޮމުގެ ތެރެއަށް އަޅާފައި ހުރި 10 ބެއަރިން ބޯލްސް ހަށިކޮޅުން ނެގި.
  • • ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް މަޖިލީހުން ހަދަން ނިންމި
  • • ހަމަލާ ދިނުމަށް ބޮން ގޮއްވާލި ވ. ތިނަދޫ/ ހިޔާ އަހުމަދު އަދުހަމް ހުޅުމާލެ ފުލެޓެއްގެ ތެރެއިން ހައްޔަރުކުރި.
  • • ރައްޔިތުންގެ މަޖިލިހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ދެމުންގެންދާ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީންކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް ރައީސް ސޯލިހު އެންގެވި
  • • ރައީސް ނަޝީދަށް ދިން ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދައި, އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި
  • • ހަމަލާއަށްފަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް ނަޝީދު އާންމުންނަށް ފުރަތަމަ ފަހަރަށް މެސެޖެއް ދެއްވި. ވިދާޅުވީ, ރައްޔިތުން އެދޭ ހެޔޮވެރިކަން ހޯދައިދިނުމަށް ދެމީހުންނަވާނެ ކަމަށް.
  • • ކެނެރީގެ ހުންނަ ގޯޅީގައި ވެހިކަލް ޕާކު ކުރުން މަނާކުރި
  • • ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް އޭޑީކޭ އިން ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގެންނެވި. ވަޑައިގަތީ ޕްރައިވެޓް ޖެޓެއްގައި. ދަތުރުފުޅާއި ބޭސްފަރުވާގެ ހަރަދު ހަމަޖެއްސީ ޖަރުމަނު ސަރުކާރުން
  • • އެމަނިކުފާނަށް ފަރުވާ ދިނީ ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލެއްގައި.
  • • ބޮމުގެ ހަމަލާއަށްފަހު ރައީސް ނަޝީދުގެ ހަށިކޮޅުގެ ފޮޓޯތަކެއް އާންމުވި. ފޮޓޯތަކުން މޭކަށިގަނޑުން ފެށިގެން ދައްބަނޑާ ހަމައަށް ފަޅާލުމަށްފަހު ފަހާފައި ހުރިކަން ފާހަގަވި. އަދި ވާއަތް ފަރާތުގެ މޭ މަތީގައި ތިން ތަނެއް ޒަހަމުވެފައި ހުރި އިރު، އެ އަތުގަޔާއި މުޅި ހަށިގަނޑުގައި އޮތީ ބޭސް އަޅާފައި
  • • ހަމަލާއާ ގުޅިގެން އިންޓެލިޖެންސްގެ އޮޑިޓެއް ހަދަން ފެށި
  • • ނަރުފަތު އުފެއްދުން ކުށަކަށް ހެދުމާއި މަޖިލިސް ރައީސާއި އުއްތަމަ ފަނޑިޔާރަށް ގެކޮޅު ހަމަޖެއްސުމުގެ ބިލު މަޖިލީހަށް ފޮނުވި
  • • ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އިންކުއަރީއެއް ހަދަން ފާސްކުރި
  • • ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށް ތުހުމަތުވާ އއ. ހިމަންދޫ, އަބްދުالله އަލި މަނިކު ހައްޔަރުކުރި. އޭނާއަކީ 2007 ވަނަ އަހަރު ހިމަންދޫގައި ސަލާމަތީ ބާރުތަކާ ކުރިމަތިލުމަށް އިސްކޮށް ހުރި އެކަކު.
  • • ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން އިނގިރޭސި ވިލާތގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒު ހަމަޖެއްސި. އޭނާއަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ހާއްސަ މާހިރެއް.
  • • ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބ. ދަރަވަންދޫން ލ.ގަން/ ދުންފިނި އުފާ, އަހުމަދު ފާތިހު ހައްޔަރުކުރި.
  • • ހަމަލާއަށްފަހު ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންދިޔަ ރައީސް ނަޝީދު ހޮސްޕިޓަލުން ދޫކޮށްލި. އެމަނިކުފާނު ދޫކޮށްލި ހަފުތާއެއް ވަންދެން ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު.
  • • ރައީސް ނަޝީދަށް ދެމުން ދިޔަ ސެކިއުރިޓީ ފޫގޮސްފައި އޮތް ކަމަށާއި އިންޓެލިޖެންސަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވި
  • • ރައީސް ނަޝީދު ދިރިއުޅުއްވި ގެކޮޅުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ރާއްޖޭގެ ނޫހަކުން ލިޔުނު ރިޕޯޓަކާ ގުޅިގެން އެމަނިކުފާނުގެ ރައްކާތެރިކަން ގެއްލުވާލާފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުން ނިންމި
  • • އެމްއެންޑީއެފް ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ)ގެ ކޮމާންޑަރުން ބަދަލުކުރަން ނިންމި
  • • ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިޔަ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކުރަން ނިންމުމުން, ކޯޅުންގަނޑެއް އުފެދުނު. އެކަމުގެ ތެރެއިން ރައީސް ނަޝީދު, ރައީސް ސޯލިހަށްވެސް ތުހުމަތުތަކެއް ކުރި. ނަމަވެސް ފަހުން ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުވެ, ބަޔާން ދިން
  • • ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިޔަ އިންކުއަރީއަށް ސީޕީ ހަމީދާއި ކައުންޓާ ޓެރަރިޒަމްގެ ވެރިޔާ ސުޕްރިންޓެންޑެޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުކުރި
  • • ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ހިނގާ ގޮތް އެމްޑީޕީގެ ތެރެއިން ބަލައި ފާރަވެރިވުމަށް "މޭހައެއް"ގެ ނަމުގައި ކޮމިޓީއެއް އުފެއްދުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރި. އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވީ ރައީސް ނަޝީދުގެ ފަރާތުން ކަނޑައަޅުއްވާ މެމްބަރަކާއި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް
  • • ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިޔަ އިންކުއަރީއަށް ރައީސް ނަޝީދުގެ ބޮޑީގާޑުން ހާޒިރުކުރަން ފެށި
  • • ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިޔަ އިންކުއަރީއަށް ހޯމް މިނިސްޓަރު އިމްރާން ހާޒިރުކުރި
  • • ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް 241 ކޮމިޓީއަށް ހާޒިރުކުރި
  • • މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ރަސްމީ ގެއެއް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރި
  • • ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނުގެ އިންޒާރު ރައީސް ނަޝީދު ދެއްވި
  • • ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށް ގެންދާ 241 ކޮމިޓީން އިލްޔާސް ލަބީބު އިސްތިއުފާ ދެއްވި
  • • ރައީސް ނަޝީދު އަވަހާރަކޮށްލަން ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ހަވާލުކުރި ކަމަށް އިލްޔާސް ލަބީބު ވިދާޅުވި. އޭނާއާ ހަވާލާދީ އެ ވާހަކަ ހިއްސާކުރީ އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން
  • • އިތުރު ފަރުވާއަށް ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވި
  • • ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގަށް ރައީސް ސޯލިހު އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒް ރާއްޖެ ވަޑައިގެންނެވި
  • • ހަމަލާއާ ގުޅުންހުރި ތިން މީހަކު ކުރިމިނަލް ކޯޓުން ދޫކޮށްލި. ނަމަވެސް ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފު ކުރި.
  • • ހަތިޔާރާއެކު ނަޝީދުގެ ގެކޮޅު ކައިރީ ފޯރިމަރަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން އިންކުއަރީ ރިޕޯޓް ފާސްކޮށްފި. އެ ރިޕޯޓުގައި ރައީސް ނަޝީދަށް ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ލިބުމުން, އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ, އެއްވެސް ފަރާތަކަ ހިއްސާކޮށްފައި ނުވާތީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވޭ. އަދި ހަމަލާ ދޭން އުޅޭކަމުގެ އިޝާރާތެއް ނުލިބިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފައިވޭ
  • • އިންކުއަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި. އަދި އެ ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި.
  • • ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީ ރިޕޯޓް ރައީސް ސޯލިހަށާއި އުއްތަމަ ފަނޑިޔާރަށް އެރުވި. ރައީސް ވިދާޅުވީ, އިސްލާހު ކުރުމަށް ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމަށް
  • • ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހަކަށް ދައުވާ ކުރަން ފޮނުވި. އަދި އޭގެ ތެރެއިން ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރި. އެއީ މުޖާޒާއި އަދުހަމް އަދި ތަހުމީން.
  • • ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ އިސް އެކަކު ކަމަށް ތުހުމަތުވާ ހއ. ހޯރަފުށި/ އަލަނާސިގޭ, މުހައްމަދު ތަސްލީމް ހައްޔަރުކުރިކަން ފުލުހުން ހާމަކުރި. އޭނާއަކީ 2017 ވަނަ އަހަރު މާލޭގައި ހިންގަމުން އައި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީސްތެރޭގައި ބޮމެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން ދަނިކޮށް އެ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ހައްޔަރުކުރި މީހެއް.
  • • މިއީ ރައީސް ނަޝީދަށް ހަމަލާދޭން އުޅުނު ތިން ވަނަ ފަހަރު ކަމަށް ސީޕީ ހަމީދު ވިދާޅުވި. އަދި ޖާުނުން ފިދާވެގެންވެސް ނަޝީދު އަވަހާރަކޮށްލަން ތިބީ ތައްޔާރަށް ކަމަށް ވިދާޅުވި
  • • ރައީސް ނަޝީދަށް ހަމަލާދިން މީހުން އިއުތިރާފުވުގެ އެއްބަސްވުން ހަދަން ބޭނުންވާ ކަމަށް ޕީޖީ ޝަމީމު ވިދާޅުވި
  • • ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ބަޔަކު ފައިސާ ހަރަދު ކުރިކަން ތަހުގީގަށް ފެންނަން ނެތް ކަމަށް ފުލުހުން ބުނި
  • • ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގައުމުގައި ހަރަކާތްތެރިވާ ހުރިހާ ޓެރަރިސްޓުން ހައްޔަރުކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލައި ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ރައީސް ނަޝީދު ހުށަހެޅުއްވި
  • • ރައީސް ނަޝީދު އަވަހާރަކޮށްލަން ގޮއްވާލި ބޮން, ސައިކަލުގައި ހަރުކުރި ކަމަށް ތުހުމަތުކުރާ ނ. މަނަދޫ/ ނޫރީގޭ, އަލީ ހައިޝަމަށް ދައުވާކުރަން ފޮނުވި
  • • ބޮން ގޮއްވާލި އަދުހަމާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދި
  • • ގޮއްވާލި އައިއީޑީން ތަހުމީނާއި ހައިޝަމްގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައުލަތުން ބުނި
  • • ރައީސް ނަޝީދުގެ ވަކީލަކަށް ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހަމަޖެއްސި
  • • ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ކުރީގެ ޕޮލިސް އިންޓެލް އަހުމަދު ފާތިހަށް ދައުވާ ނުކުރަން ނިންމުމުން, އޭނާ ބަންދުން ދޫކޮށްލި
  • • ހަމަލާ ރާވައި ހިންގި މީހުން ހައްޔަރު ނުކުރަނީސް ރާއްޖެ ދާން ޖެހިލުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި
  • • ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވި މައްސަލަ ބަލަން ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލި
  • • އިންޓެލިޖެންސް އިދާރާތަކުގެ އޮނިގަނޑު އެކުލަވާލައި މައުލޫމާތު ބަދަލުކުރަން ފެށި
  • • ހަމަލާގެ ތަހުގީގަށް އެހީވާން ރައީސް ނަަޝީދުގެ ފަރާތުން ޔޫކޭގެ ވަކީލެއް ކަމަށްވާ ކާސްޓީ ބްރިމިލޯ ހަމަޖެއްސި
  • • ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ އަލީ ހައިޝަމް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރި
  • • ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދު ބަޔާން ދޭން ނިންމި
  • • އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ސަބަބުން ގުނަވަންތަކަށް ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ބަދަލު ނުވަތަ ދިޔަ ޝަރުއީ މިންގަނޑުން ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި
  • • ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގައި އިތުރު ތިން މީހަކަށް ދައުވާ އުފުލި. އެ ތިން މީހުންނަކީ, ގއ. ވިލިނގިލި, ހުދުރުވާގެ, ފަހުމީ އަލީ އާއި އއ. މާޅޮސް, އަސަރީގެ, މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ, އިސްހާގެވެ.
  • • ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައި ބޮން ގޮއްވާލި އަދުހަމް އިއުތިރާފުވި.
  • • ފަސް މަހަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުން. އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސް ސޯލިހު
  • • ވީއައިޕީންގެ ސަލާމަތީ ކަންކަމަށް ލަފާ ހޯދަން އެމެރިކާގެ ކޮންސަްޓެންޓެއް ގެނައި
  • • ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތަށް
  • • ރައީސް ނަޝީދަށް ދިން ހަމަލާގެ މޭސްތިރިން ކަމަށް ބުނާ ތަސްލީމާއި އަލިމަނިކު ޝަރީއަތް ނިމެންދެން ބަންދުކުރި
  • • ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދު ބަޔާން ފުލުހަށް ދެއްވި
  • • ރައީސް ނަޝީދުގެ ކިބައިން އަދުހަމް މައާފަށް އެދުނު. އޭނާގެ މައްޗަށް ހުކުމް އިއްވަން ބޭއްވި ޝަރީއަތުގައި އަދުހަމް ބުނީ, މެއި ހައެއްގައި ދީފައިވާ ހަމަލާއަކީ ކުރެވުނު ކުށެއް ކަމަށް. އަދި އެއީ ދީނީ ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކާ ގުޅިގެން ކަމަށް ބުނި.
  • • އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް އިއްވި. އޭނާގެ މައްޗަށް އެވަރުގެ ހުކުމެއް އައީ ކުށަށް އިއުތިރާފުވެ, ދައުލަތާއެކު ހަދާފައިވާ އިއުތިރާފުވެ އެއްބަސްވުމެއްގެ ދަށުން. ނަމަވެސް އަދުހަމް ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި ހަތަރު މަހާއި 21 ދުވަހެއް. އެއީ, އޭނާ ތަހުގީގަށް އަދި ޝަރީއަތަށް ބަންދުގައި ހުރި ދުވަސްތައް ކެނޑުމަށްފަހު