މޯލްޑިވްސް ޕޮލިސް ސާވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރަމުންދާ ފްލެޓްތަކުގައި ނުނިމިހުރި މަސައްކަތް ކުރުމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގުއެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު މުހައްމަދު އިރުފާންއެވެ.
މިނިސްޓްރީން މިއަދު ބުނީ ފުލުހުންނަށް އަމާޒުކޮށްގެން ހުޅުމާލެ ފޭސް އެކެއްގައި އިމާރާތްކުރަން ފަށާފައިވާ ޕޮލްކޯ ފްލެޓްތަކުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ހިންގާ މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ.
ޕޮލްކޯ ފްލެޓްތަކުގައި ހިމެނެނީ ޖުމުލަ 361 ޔުނިޓްގެ ތިން ޓަވަރެވެ. އަދި ކޮންމެ ޔުނިޓެއްގެ ބޮޑުމިނަކީ އެވްރެޖްގޮތެއްގައި 1100 އަކަ ފޫޓެވެ. މި ޓަވަރުތަކުގައި އެޕާޓްމަންޓްތަކުގެ އިތުރުން، ޕާކިން އޭރިއާ، ކޮމާޝަލް އޭރިއާ އަދި މަލްޓިޕާޕޯސް ހޯލްގެ ވަސީލަތްތައް ހިމެނެއެވެ.
މި މަޝްރޫއުގެ އަގަކީ 274.6 މިލިއަން ރުފިޔާއެވެ. އަމީންއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ފުލުހުންގެ ފްލެޓްތަކުގެ މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ. އެ މަޝްރޫއުގެ މަސައްކަތް ފުރަތަމަ ކޮށްފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އެވެ. ނަމަވެސް ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އުވާލައިފައެވެ.
ފަހުން ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކޮށްފައިވަނީ އައިލެންޑް އެކްސްޕާޓާ އިންނެވެ. ނަމަވެސް މުވައްޒަފުން މަދުވުމުން އެ މަސައްކަތް އެ ކުންފުނިން ހުއްޓާލީ މިދިޔަ އަހަރުގެ ތެރޭގައެވެ.
ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ނުނިމި މިހާރު އަށް ވަރަކަށް އަހަރު ފާއިތުވެފައިވާއިރު، ގިނަ އަދަދެއްގެ ފުލުހުން ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު