ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ކުޑަ ކުދީންނަށް ހާއްސަކޮށްފައި ހުރި ވޯޑު ފުރިގެން ބައެއް ކުދީންނަށް އެމަޖެންސީ ރޫމުގައި ފަރުވާދެމުން އަންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ޑރ. ފައިސަލް ރޭ ކުރެއްވި ޓޫވީޓެއްގައި ވިދާޅުވީ އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑުގެ 32 އެނދު ފުރި ބައެއް ކުދިން އިމަޖެންސީ ރޫމުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. އަދި އެކަން ހައްލުވާނީ އެހެން ރަށްރަށާއި މާލެ ސަރަހައްދުގެ ސަރުކާރުގެ އެހެނިހެން ތަންތަނުގައި ބަލިތަކަށް ފަރުވާދެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ފައިސަލް "ވަން" އަށް މިއަދު ވިދާޅުވީ މި ވޯޑު ފުރިފައި އޮތީ އެކިއެކި ބަލިތަކަށް ފަރުވާ ހޯދާ ގިނަ ކުދިންތަކެއް އެޑްމިޓު ކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ.
"ވަކި ހާއްސަ ބައްޔެއް އަނެއްހެން ނުފެތުރޭ. އެކި ބަލިތަކަށް ފަރުވާ ކުރަމުން އަންނަ ކުދިން ދެން. ޗުއްޓީތެރެވީމަވެސް ބާރު ބޮޑުވާނެ." އޭނާ ވިދާޅުވި އެވެ.
ޑރ. ފައިސަލް ވިދާޅުވީ މިކަން ހައްލުވާން އޮތީ އަތޮޅުތަކުގައިވެސް އެކި ބަލިތަކަށް ފަރުވާދެވޭނެ ނިޒާމެއް ގާއިމު ކުރެވިގެން ކަމަށެވެ. އަދި ހެލްތު ސިސްޓަމް ރަނގަޅުވެގެން ނޫނީ މިކަމަށް ހައްލެއް ނުލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގައި 100 ޕަސެންޓު އާސަންދަ ކަވަރު ކުރާ ހަމައެކަނި ހޮސްޕިޓަލަކީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލެވެ. ނަމަވެސް ކުޑަކުދިންނަށް ފަރުވާދޭނެ ސުޕެޝަލިސްޓު ޑޮކްޓަރުން ތިބެނީ އައިޖީއެމްއެޗުގައެވެ. އަދި ރަނގަޅު ފަރުވާދެވޭނެ ވަސީލަތްތަށް ގާއިމުކޮށްފައިވަނީވެސް އައިޖީއެމްއެޗުގަ އެވެ. އެހެން ކަމުން ހުޅުމާލޭ ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި ގިނަ މީހުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު