2021 ފެށިގެން އައީ ކޮވިޑުގެ ބަލިމަޑުކަމާއެކު ނަމަވެސް ކުރީ އަހަރާ ހިލާފަށް މި ފަހަރު ދިރާސީ އަހަރު ފެށީ ދަރިވަރުން ސްކޫލަށް ހާޒިރު ކޮށްގެންނެވެ. އެކަމަކު ގިނަ ބެލެނެވެރިން މިކަމާ ނުރުހުން ފާޅު ކުރި އެވެ. މިއީ ދަރިވަރުންގެ ކިޔެވުމަށް ހުރި ހެޔޮ ފާލެއް ކަމަށް ބުނެ އެޑިއުކޭޝަނުން ނިންމީ ސްކޫލަށް ދަރިވަރުން ހާޒިރު ކޮށްގެން މަދު ވަގުތު ކޮޅަކަށް ނަމަވެސް ސްކޫލުގައި ކިޔެވުން ކުރިއަށް ގެންދިޔުމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްފަހުގަ އެވެ.

މާލޭ ސަރަހައްދުގެ ޕްރީ ސްކޫލުން ފެށިގެން ގުރޭޑު ހަޔަކާ ހަމަޔަށް ކިޔަވައިދޭން ނިންމީ އޮންލައިން ކޮށެވެ. ގުރޭޑު ހަތަކުން މަތީގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެންނެވެ. ނަމަވެސް ކޮވިޑުގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވުމުން އަނެއްކާވެސް ސްކޫލްތައް ދުވަސްކޮޅަކަށް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފެށި އެވެ. އޭގެ ފަހުން ހާލަތު ރަނގަޅުވަމުންދިޔުމުން ހުރިހާ ގުރޭޑުތަކުގެ ދަރިވަރުންވެސް ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ނިންމި އެވެ. މިއީވެސް ގޮންޖެހުން ބޮޑު ކަމެކެވެ. އަތޮޅުތެރޭގައި ބަލި ނެތް ރަށް ރަށުގައި އިހު ކިޔަވައިދިން އުސޫލަށް ކިޔަވައިދެމުން ދިޔަ އެވެ. ކޮވިޑު ފެނި ބަންދު ކުރާ ރަށްތަކުގެ ސްކޫލްތައްވެސް ބަންދުކޮށް އޮންލައިންކޮށް ކިޔައިވައިދޭން ފަށަ އެވެ.

ކޮވިޑުގެ ބިޔަ ރާޅާ ކުރިމަތިލީ އިރު އޮތީ ސްކޫލްތަކުގެ ބޮޑު ޗުއްޓި އަހަރު މެދުތެރެއަށް ބަދަލު ކުރުމުގެ ވާހަކަތަކުގެ އަޑުގަދަވެފަ އެވެ. މި ބޮޑު ބަލިމަޑުކަމުގައި ރާއްޖޭގެ އެކަޑެމިކް ކަލަންޑަރަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވި އެވެ. އެ ކަންކަމުގެ ނަތީޖާއަކީ މިދިޔަ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީވެސް އެހެން އަހަރުތަކާ ތަފާތުކޮށް އަހަރުގެ ފަހުކޮޅު އެވެ. އެއީ ނިމިގެން ދިޔަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އާ އަހަރުގެ ކިޔެވުން ފެށުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ފޮތްތަކާއި ޓީޗަރުންވެސް ހަމަވެފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ފޮތްތަކުގެ ހާޑު ކޮޕީ ނުލިބޭ ދަރިވަރުންނަށް ސޮފްޓް ކޮޕީ ފޯރުކޮށްދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް ސްކޫލް ފެށިގެން ހަފުތާއެއްހާ ދުވަހު ކިޔެވުން ކުރިއަށް ގެންދެވުނުތަނާ އަދުގަދަވެގެންދިޔައީ ފޮތްތަކާއި ޓީޗަރުން ހަމަނުވާ ވާހަކަ އެވެ. ތައުލީމީ ދާއިރާގައި އުޅޭ ގިނަ ފަރާތްތަކުން ދުށް ގޮތުގައި ކޮވިޑުގެ ހާލަތާއި ގުޅުވައި އުޒުރު ދެއްކި ނަމަވެސް ދުރާލައި ކިޔެވުމަށް ތައްޔާރުވީ ނަމަ މިފަދަ ހާލަތެއް ކުރިމައްޗެއް ނުވާނެ އެވެ. މިފަދަ ހާލަތެއް ދިމާވި ނަމަވެސް މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނައުމުން ވީހާވެސް އަވަހަކަށް އެކަން ހައްލުކޮށް މަދުވާ ފޮތްތަކެއް ހުރި ނަމަ ފޮތްތަކާއި ޓީޗަރުންވެސް އަހަރުގެ ކިޔެވުން ފެށެންވާ އިރަށް ހަމަ ކުރުން މުހިންމު ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރިއެވެ.

ފޮތްތަކާއި ޓީޗަރުން މަދުވުމުގެ ސަބަބުން ތައުލީމީ ދާއިރާއަށް އެތައް ގޮންޖެހުމެއް ކުރިމަތި ވި އެވެ. އަދި ސަރުކާރާއި ކަމާ ގުޅޭ މިނިސްޓްރީތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންވެސް އަމާޒުވެފަ އެވެ.

އަރަބި ބަހާއި ގުރުއާން ކިޔަވައިދޭން އިންޑިއާގެ ކެރެލާއިން ޖުމުލަ 10 ޓީޗަރަކު ގެނައުންވީ ބެލެނިވެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނު ކަމަކަށެވެ. ދިވެހިންގެ ސަގާފަތާ ނުގުޅޭ ބަޔަކު ކިޔަވައިދޭން އައުމުން ބެލެނިވެރިންގެ ޝަކުވާތައް ވެސް ވަރަށް ބޮޑަށް އިތުރުވި އެވެ. އެކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކުގެ ދިފާއުގައި އެޑިޔުކޭޝަން މިނިސްޓްރީން އެއަށް ޖަވާބު ދިނެވެ. މިނިސްޓްރީން ބުނާ ގޮތުގައި ގުރުއާނާއި އަރަބި ކިޔަވައިދޭން އިންޑިއާ ޓީޗަރުން ގެނައީ ތަކުރާރުކޮށް މަސައްކަތް ކޮށްގެން ވެސް ދިވެހި ޓީޗަރުން ނުލިބުމުންނެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް މި ދާއިރާއިން ކޯސް ހަދާ ދަރިވަރުން ތިބި ނަމަވެސް ތައުލީމީ ދާއިރާއަށް އެމީހުން ނުލިބޭ ކަމަށް އެޑިޔުކޭޝަނުން ބުމުން އެކަން ގަބޫލު ނުކުރާ ބަޔަކު އެ އަޑުވެސް އުފުލިއެވެ.

ކޮވިޑުގެ ސަބަބުން ފާއިތުވި އަހަރު ދަރިވަރުން ތިބެން ޖެހުނީ ގޭބަންދެއްގަ އެވެ. އެކަމުގެ ސަބަބުން ދަރިވަރުންގެ އިތުރުން ޓީޗަރުންނަށްވެސް ނަފުސާނީ މައްސަލަތައް ކުރިމަތިވި އެވެ. އެހެން ނަމަވެސް ގޮންޖެހުންތަކާ އެކުވެސް ދަރިވަރުންނަށް އެކަށޭނެ ތައުލީމެއް ދިނުމަށް ޓީޗަރުން މިއިން ދުވަހަކުވެސް ނުއުފުލާ ވަރުގެ ތަކުލީފެއް އުފުލައި ހިތްވަރު ކުރިއެވެ.

ސްޕީޑެއް ނެތް އިންޓަނެޓުގައި، ދަރިވަރުންނަށް ކިޔަވައިދިނުން ވެސް ވީ އިތުރު ގޮންޖެހުމަކަށެވެ. ހުރިހާ އާއިލާތަކެއްގެ ތެރެޔަށް ވެސް ކޮވިޑް ފެތުރިފައި އިތް އިރު، ދަރިވަރުންގެ ސިއްހީ ރައްކާތެރި ކަމާއި އަމިއްލަ ރައްކާތެރިކަން ވެސް ކަށަވަރު ކުރަމުން، ސްކޫލު ސިސްޓަމް ތެރެއިން، ދަރިވަރުންނަށް ދައްކައިދިނީ ފުރިހަމަ ނަމޫނާ އެކެވެ. ކޮވިޑަށް ރައްކާތެރިވުމަށް އެންމެ ވަރުގަދަ، އެންމެ ރަނގަޅު ފިޔަވަޅުތަކެއް އަޅައި އެ ފިޔަވަޅުތައް އެންމެ ފުރިހަމަޔަށް ތަންފީޒު ކުރި ދާއިރާއަކީ ވެސް ތައުލީމީ ދާއިރާ ކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.

ކޮވިޑު ޖެހުމުގެ ސަބަބުން، ނުވަތަ ޑައިރެކްޓް ކޮންޓެކްޓަކަށް ވެގެން ވިޔަސް، ގޭގައި ހުންނާން ޖެހޭ ހާލަތްތައް ތައުލީމީ ދާއިރާގެ ކިތަންމެ ބަޔަކަށް ތަކުރާރުކޮށް ކުރިމަތިވަމުން ދިޔަ އެވެ. އެހެން ނަމަވެސް، ގޭގައި ތިބެ، ދަރީންނާއި މައިންބަފައިން ބަލަމުން، ވެސް ދަރިވަރުންނަށް ބޭނުންވި ފިލާވަޅުތައް އެންމެ ފުރިހަމަ ގޮތުގައި ނަގައިދީ، ނަތީޖާ ނެރެދިނުމަށް ތައުލީމީ ދާއިރާއިން ކުރީ ޝުކުރު ހައްގު މަސައްކަތެކެވެ.

އަރަބިއްޔާ ސްކޫލު އިމާރާތުގެ އެކި ތަންތަނުގައި ރެނދުލައި އަދި ސުކޫލުގެ ބައެއް ހިސާބުތަކުން ފެން ލީކުވަމުންދާތީ ބައެއް ބެލެނިވެރިން ދެކޭ ގޮތުގައި އެ ތަނަށް ކުދިން ކިޔަވަން ފޮނުވުމަކީ ރައްކާތެރި ގޮތަކަށް ނުވި އެވެ. އެހެން ކަމުން ޑިމާންޑު ކުރަމުން ދިޔައީ އެ ސްކޫލުގެ ދަރިވަރުން އެހެން ސްކޫލަކަށް ބަދަލު ކުރުމަށެވެ. އަދި އެކުދީންގެ ހައްގުގައި އާ ސްކޫލެއް އިމާރާތްކުރުމަށް ދިޔައީ ބުނަމުންނެވެ.

އަރަބިއްޔާ އުވާލަން ސަރުކާރުން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގެ އަޑު ގަދަވި އެވެ. މިއާއެކު ކަމާގުޅޭ ސަރުކާރުގެ އެކި އިދާރާތަކުން ބުނަމުންދިޔައީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ދެރަގޮތެއް ނުހަދާނެ ކަމަށެވެ. އަދި އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ބަދަލު ކުރުމަށް ނިންމި އެވެ. އެކަމަކު މިކަމަށް ބެލެނިވެރިން ދެކޮޅު ހެދުމުން ބާ ޖަމާލުއްދީން ހުރި ބިން އަރަބިއްޔާ އަށް ދިނެވެ. ނަމަވެސް މިކަމަށްވެސް ބެލެނިރިން އެއްބަސްވާ ގޮތެއް ނުވި އެވެ. އެންމެ ފަހުން ސަރުކާރުން ނިންމިީ މީގެ ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައި އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ވަގުތީ ގޮތުން ކިޔަވައިދިނުން ހަމަޖެއްސުމަށެވެ. މި ކަން ނިންމެވީ ސީދާ ރައީސް ސޯލިހު އެވެ.