ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކޮށްފައިވާ އާ ވީއައިޕީ ޓާމިނަލް އަންނަ މަހުގެ 12 ވަނަ ދުވަހު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު މިރޭ "ވަން" އަށް ވިދާޅުވީ، މިހާރު ވީއައިޕީ ޓާމިނަލުގައި ކުރަމުންދަނީ ފިނިޝިން މަސައްކަތް ކަމަށާއި އެމްއޭސީއެލުން މަސައްކަތް ކުރަމުންދަނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުރިހާ މަސައްކަތެއް ނިންމައި، ޓާމިނަލް ހުޅުވައި ބޭނުންކުރަން ފަށަން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މިހާރު ބޭނުންކުރަމުންދާ ވީއައިޕީ ޓާމިނަލްގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރުމާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ކޯޕަރޭޓް ކަސްޓަމަރުންނަށް މިހާރު ސާކިއުލާ ފޮނުވާފައިވާނެ ކަމަށެވެ.
އެ ސާކިއުލާގައި މިހާރު ބޭނުންކުރާ ވީއައިޕީ ޓާމިނަލްގެ ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް ބަދަލުކުރާނެ ތާރީހުވެސް ކަނޑައަޅާފައިވެއެވެ. ނަމަވެސް ތާރީހަށް ބަދަލެއް އައުން އެކަށީގެންވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ވީއައިޕީ އާ ޓާމިނަލުގެ މަސައްކަތް ކުރަމުންދަނީ މިހާރު ހުރި ވީއައިޕީ ޓާމިނަލުގެ ފަހަތުގައެވެ. އާ ވީއައިޕީ ޓާމިނަލުގެ މަސައްކަތް ކުރަމުންދަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބީޔޫސީޖީ އިންނެވެ. ހަތަރު ބުރިއަށް ހަދާ މި އިމާރާތުގައި އޯޕަން އޭރިއާގެ ބަދަލުގައި އެކަނި ތިބެން ބޭނުންވާ ޓޫރިސްޓުންނަށް ވަކިން ކެބިންތަކާއި ޗެކިން ކައުންޓަރުތައް ވެސް ހުންނާނެއެވެ.
ކުރީ ސަރުކާރުން ފަށާފައިވާ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއަކީ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ވީއައިއޭގައި 3،400 މީޓަރު ދިގު ރަންވޭއެއް ވަނީ ހަދައިފައެވެ. އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރަށް އަރައެވެ.
މި ހިދުމަތްތަކުގެ އިތުރުން ވީއައިއޭގައި މުޅިން އަލަށް ސީޕްލޭން ޓާމިނަލެއް ވެސް ވަނީ އަޅައިފއެވެ. ސީޕްލޭން ޓާމިނަލް މަޝްރޫއު ނިމިފައިވިޔަސް އަދި އެތަން ހުޅުވާފައި ނުވެއެވެ. އާ ސީޕްލޭން ޓާމިނަލް މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. މިއީ 40 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
މީގެ އިތުރުން އެއާޕޯޓުގެ އޭޕްރަން ތަރައްގީކުރުމުގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންގޮސް، މިހާރު ވަނީ ހުރިހާ އޭޕްރަން ތަކެއް ހުޅުވައިފައެވެ. އެ ސަރަހައްދުގައި 70،000 އަކަ މީޓަރުގެ ޕާކިން ޖާގަ ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު