ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އަންނަ އަހަރުން ފެށިގެން ބޭނުން ކުރުން މަނާ ޕްލާސްޓިކުގެ ބާވަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސް ސޯލިހު ސޮއި ކުރައްވައި ސަރުކާރުގެ ގެޒެޓުގައި އާންމުކުރި "ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން" ގަރާރުގައި ބުނެފައިވަނީ ޕްލާސްޓިކް އާއި ޕްލާސްޓިކުން ތައްޔާރު ކޮށްފައި ހުންނަ އެއްޗެއްހީގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕާލްސްޓިކުގެ ތެރެއިން 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ ކަމަށެވެ.
އޭގެ ތެރެއިން އަންނަ އަހަރު މަނާ ކުރުމަށް ނިންމާފައިވަނީ 10 ބާވަތެކެވެ.
ރާއްޖެއަށް ޕްލާސްޓިކް އެތެރެކުރުމުގެ ގާނޫނު ރައީސް އިބްރާހީމް ތަސްދީގުކުރައްވާފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އެ ގާނޫނަށް އަލަށް ގެނައި އިސްލާހުގައި ވަނީ، އެ ގާނޫނުގެ އަށް ވަނަ މާއްދާގެ ފަހަތަށް، "ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވުން" މި ނަމުގައި ސަބް ހެޑިންއެއް ހިމަނައި (8.1) ގޮތުގައި އަކުރެއް އިތުރު ކުރުމަށެވެ.
އިތުރުކުރި އެ އަކުރުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސް ކަނޑައަޅާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް، ރާއްޖެއަށް އިމްޕޯޓުކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ރައީސް ކަނޑައަޅާ އެ ލިސްޓު، އެކި މަރުހަލާތަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިހުތިޔާރު އޮތުމާއެކު އެ އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު ރައީސް ކަނޑައަޅާ ފުރަތަމަ ލިސްޓު އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ކަނޑައަޅަންވާނެ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން ރައީސް އެ ލިސްޓު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ އިރު، އެ ލިސްޓުގައި ބަޔާންކުރާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ ތާރީހެއް ކަނޑައެޅުމާއި އަދި އެ ލިސްޓު ކަނޑައެޅުމުގައި ރިއާޔަތް ކުރަންވީ ކަންކަމާއި އިސްލާހުގައި ހުރި ބަސްތަކުގެ މާނަކުރުންތައްވެސް ހިމަނާފައިވެއެވެ.