ޚަބަރު

ފެނާއި ނަރުދަމާ ހުރިހާ ރަށަކަށް، މިއަދަކީ ވައުދުފުއްދުމުގެ މަންޒިލަށް ގައުމުގެ ރިޔާ ހުޅުވައިލި ދުވަސް: ރައީސް

މިއަދަށްފަހު ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލު ނުކުރެވޭ, މީހުން ދިރިއުޅޭ އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިހާރު ފެނާއި ނަރުދަމާ ގާއިމު ނުކުރެވި އޮތް 23 ރަށުގައި އެ މަސައްކަތް ކުރުމަށް ކުންފުނިތަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ, މިއަދަށްފަހު ރާއްޖެ ފުރޮޅި އިންގިލާބު ވެގެން މިދަނީ ތަރައްގީގެ އެހެން މަރުހަލާއަކަށް ކަމަށެވެ. އަދި ސައިޒުން ކިތަންމެ ކުޑަޔަސް, މީހުން މަދަސް ސަރުކާރުން މިކަމުގައި އެއްވެސް ރަށެއް ކުރި ފަރަގެއް, ތަފާތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދެން އޮންނާނީ, ތަރައްގީގެ ވާހަކަ ދައްކަން ފަށާ ހިސާބުގައި ގައިންތާހިރު ވުމުގެ ފެން މުޅިރާއްޖެ, އެކުއެކީގައި ހިނގާން ފެށުން. އެންމެ ފުރަތަމަ އަޅުގަނޑު ދެއްކި ވާހަކައަކީ އަދިވީ ވައުދަކީވެސް އެއީ. މިއަދަކީ އެވައުދު ފުއްދުމުގެ މަންޒިލަށް ބަނދަރު ކުރުމަށްޓަކާ މިގައުމުގެ ރިޔާ ތަންމިނަށް ހުޅުވާލައި, ކަންކަށިން ފޮނުފޮޅާލައި ދުވެލި ހަރުކުރި ދުވަސް," ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ, ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ކަމުގައި ބުނެލަން ފަސޭހަޔަސް އެއީ ބުރަ ބޮޑު އަދި ގިނަ ފައިސާ ހަރަދުކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ވޭތުވެދިޔަތަނުގައި އައި ހުރިހާ ސަރުކާރަކަށް ނިންމިފައި ވަނީ 69 ރަށުގެ ނަރުދަމާ އާއި 37 ރަށެއްގެ ފެނުގެ ނިޒާމު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ހުރިހާ ސަރުކާރުތަކަށާއި ވެރިންނަށް އެމަނިކުފާނު ޝުކުރުވެސް އަދާކުރެއްވިއެވެ.

"ސަބަބަކީ އެބޭފުޅުން އެކަން ކުރައްވާފައި ނުވި ނަމަ ބާކީ މުޅި ރާއްޖެ އެކުއެކީ, އެއްފަހަރާ ނިންމާލުމަށް ކޮންމެވެސް ވަރެއްގެ އިތުރު ތަކުލީފެއް އަޅުގަނޑުމެން އުފުލާން ޖެހުނީސް. ސުމަކުން ފަށަން ޖެހުނު ނަމަވެސް މިކަމަކީ ދޫކުރާނެ ކަމެއް ނޫން. ސަބަބަކީ ހަމަ ހަގީގަތުގައިވެސް ތަރައްގީގެ ވާހަކަ ދައްކަން ފަށަން ޖެހޭނީ ގައިން ތާހިރުވެ ތިބެ," ރައީސް ވިދާޅުވިއެވެ.